ޕްރިންސިޕަލަކު ނެތުމުން ހަންޏާމީދޫ ބެލެނިވެރިން ނިކުމެ ސްކޫލް ބަންދު ކޮށްފި

ހަންޏާމީދޫ ސްކޫލްގައި ޕްރިންސިޕަލަކު ނެތުމުން އެކަމަށް ޑިމާންޑްކޮށް އެރަށު ބެލެނިވެރިން ނިކުމެ ސްކޫލު ގޭޓުގައި ތަޅު އަޅުވާ ސްކޫލު ބަންދު ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި ބ...

18 Jan 2015 | 05:30

ހަންޏާމީދޫ ސްކޫލްގައި ޕްރިންސިޕަލަކު ނެތުމުން އެކަމަށް ޑިމާންޑްކޮށް އެރަށު ބެލެނިވެރިން ނިކުމެ ސްކޫލު ގޭޓުގައި ތަޅު އަޅުވާ ސްކޫލު ބަންދު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ އެގޮތަށް ކަންތައް ކުރީ ރަށު ސްކޫލުގައި  ނަމެއްގައި ޕްރިންސިޕަލަކު ބަހައްޓައިގެން، އެމީހަކު މާލޭގައި ހުރެގެން ރަށު ސްކޫލަށް ކަމެއް ނުކޮށްދެވޭނެތީ ކަމަށެވެ.

"ނަމެއްގައި ޕްރިންސިޕަލަކު ހުރެޔޯ، އެކަމަކު އޭނަ ހުންނަނީ މާލޭގަ، އަހަރުމެން ބޭނުންވަނީ ރަށުގައި ޕްރިންސިޕަލެއް ހުންނަން، މި ސްކޫލުގައިވެސް ޕްރިންސިޕަލަކު ހުންނަންޖެހޭ' ދުވަހަށް މައުލޫމާތު ދެމުން ބެލެނިވެރިޔާ ބުންޏެވެ.

ހަންޏާމީދޫ ސްކޫލް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެ ސްކޫލުގެ ލީޑިން ޓީޗަރު ސައިފުﷲ މޫސާ ވިދާޅުވީ ސްކޫލުގެ ބެލެނިވެރިން ނިކުމެ މިއަދު ހެނދުނު ސްކޫލު ގޭޓުގައި ތަޅު އެޅުވި ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލުވުމުން ކިޔަވައިދޭން ފަށާފައިވާކަމަށެވެ.

"އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވި، ޕްރިންސިޕަލަކު މިއަދުގެ ވަގުތެއްގައި ރަށަށް ފޮނުވަދޭނެ ކަމަށް، މިހާރު ސްކޫލު ހުޅުވާ ކިޔަވަދޭން ފަށަން މި ތައްޔާރުވަނީ" ސައިފުﷲ މޫސާ ވިދާޅުވި އެވެ.

ޕްރިންސިޕަލެއް ބޭނުންވާކަމަށްބުނެ ހަންޏާމީދޫގެ ބެލެނިވެރިން އިހުތިޖާޖު ކޮށްފައިވާއިރު މިމަހުގެ ކުރީކޮޅުގައި ދިވެހި ޕްރިންސިޕަލެއް ހޯދައިދިނުމަށް ގޮވާލައި ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންވެސް ވަނީ އިހުތިޖާޖު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް