ޗާލީ ހެބްޑޫ އާ ދެކޮޅަށް ނައިޖާގައި ކުރިއަށްދާ މުޒާހަރާގައި ހަތް ފައްޅިއެއް އަންދާލައިފި

ފްރާންސްގެ ނޫސް މަޖައްލާ "ޗާލީ ހެބްޑޫ" ގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުމުން މުސްލިމް އެކި ގައުމުތަކުގައި އެކަމާ ދެކޮޅަށް އަޑު އުފުލަމުންދާއިރު...

18 Jan 2015 | 01:30

ފްރާންސްގެ ނޫސް މަޖައްލާ "ޗާލީ ހެބްޑޫ" ގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުމުން މުސްލިމް އެކި ގައުމުތަކުގައި އެކަމާ ދެކޮޅަށް އަޑު އުފުލަމުންދާއިރު އެކަމާ ދެކޮޅަށް އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖާއާ ގައި ކުރިއަށްދާ މުޒާހަރާގައި އިއްޔެ އެކަނި ހަތަކަށްވުރެ ގިނަ ފައްޅި އަންދާލައިފި އެވެ.

އެ ސަރަހައްދުގެ ނޫސްތަކުން ބުނާގޮތުން މުޒާހަރާގެ ބައިވެރިން މިހާރު ހަރަކާތްތެރިވަމުން އަންނަނީ އެގައުމުގެ ވެރިރަށް ނިމާއީގެ ވާތު ބިތުގައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ މިސްރާބު ކަނާތު ބިތަށް އަމާޒުކޮށްފައިވާކަމަށާއި ކަނާތު ބިތުގައިވެސް ގިނަ އަދަދެއްގެ ފައްޅިތައް ހުންނަ ކަމަށް ނޫސްތަކުން ބުނެއެވެ.

ޗާލީ ހެބްޑޫއާ ދެކޮޅަށް ނައިޖާގައި ވަރުގަދަ މުޒާހަރާއެއް ކުރަމުން އަންނައިރު އެގައުމުގައި ތިބި ފްރާންސް ރައްޔިތުން ގެއިން ނުނިކުތުމަށާއި ރައްކާތެރިވެ ތިބުމަށް ނައިޖާގައި ހުންނަ ފްރާންސްގެ އެމްބަސީން ވަނީ އަންގާފަ އެވެ.

ނައިޖާގެ ދެވަނައަށް އާބާދީ އެންމެ ބޮޑު ރަށް ކަމަށްވާ ޒިންޑާގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކާއި އާންމުންގެ ތިން މީހަކު މަރުވި އެވެ. އަދި އާންމުންގެ 45 މީހަކު ޒަހަމްވި އެވެ.

ޗާލީ ހެބްޑޫއިން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ތަކުރާރުކޮށް ކާޓޫނު ކުރެހުމުން އެކަމާ ނުރުހުން ފާޅުކޮށް މުސްލިމް ގިނަ ގައުމުތަކަކުން އަންނަނީ އަޑު އުފުލަމުންނެވެ. އެހެން ނަމަވެސް ހުޅަނގުގެ ގިނަ ގައުމުތަކުން މިކަމުގައި ފްރާންސަށް ހިތްވަރުދެ އެވެ.

ޗާލީ ހެބްޑޫގެ ދިފާއުގައި ފްރާންސްގެ ރައީސް ފްރާންސިއަސް އޮލާންޑޭ ބުނެފައިވަނީ އެގައުމަކީ މިނިވަން ގައުމެއް ކަމަށާއި އެގައުމުން ގެންގުޅޭ ވަކި އުސޫލުތަކަކާއި ކަންކަން ކުރާނެ ވަކި މިންގަނޑުތަކެއް ގެންގުޅޭ ކަމަށެވެ. އަދި އެކަންކަމާ އެހެން ގައުމަކަށް ނުބެހެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް