ސުވިޒަލޭންޑްގެ ޗެރިޓީ ފައުންޑޭޝަނެއް ކަމަށްވާ "ސުވިސް ބަރަކާ ޗެރިޓީ" ގެ ގޮތްޕެއް ރާއްޖޭގައި ރަޖިސްޓަރީ ކޮށްފިއެވެ.
މިއީ އެ ޗެރިޓީ ފައުންޑޭޝަނުގެ ގޮތްޕެއް ރަޖިސްޓަރީކުރި 50 ވަނަ ޤައުމެވެ.
ބަރަކާ ޗެރިޓީ ފައުންޑޭޝަނަކީ އެކި އެކި ހާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ނަން މަޝްހޫރު ޗެރިޓީއެކެވެ. އެގޮތުން މިހާތަނަށް ދުނިޔޭގެ 150 ޤައުމެއްގައި އެމީހުންގެ ޗެރިޓީ ޙަރަކާތްތައް ހިންގާފައި ވެއެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ފަޤީރުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން ކޯވިޑް-19 ގައި ވަޒީފާތައް ގެއްލި އާމްދަނީ ދަށަށް ގޮސް ދަތިތަކާ ކުރިމަތިވި އެތަކެއް އާއިލާއަކަށް ފައިސާގެ އެހީ އާއި ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައި ވެއެވެ.
ސުވިސް ބަރަކާ ޗެރިޓީގެ ފަރާތުން ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ވެއެވެ. އޭގެ ތެރޭގައި، ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާކަމާއި ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ސްކޫލް މަދަރުސާ އާއި، ޞިއްޙީމަރުކަޒުތައް އެޅުމާއި، މިސްކިތް ބިނާކުރުމާއި، ކޮމިއުނިޓީ ސެންޓަރުތައް ބިނާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޤުދުރަތީ ކާރިސާތަކުގައި ގެއްލުން ލިބޭ ތަންތަން މަރާމާތުކޮށްދިނުމާއި، އަލުން އާރާސްތުކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ކުރުމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމު އުނގެނުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމީ ވެސް އެ ޖަމާޢަތުން ކުރަމުން އަންނަ ކަމެކެވެ.
ސުވިސް ބަރަކާ ޗެރިޓީގެ ފަރާތުން ރާއްޖޭގައި ރަޖިސްޓަރީކުރި ގޮފީގެ ނަމަކީ "ބަރަކާ ޗެރިޓީ މޯލްޑިވްސް" އެވެ. އެންޖީއޯއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މި ޗެރިޓީ ފައުންޑޭޝަންގެ މުއައްސިސަކީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްފައިވާ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ އުސްތާޛު ޒަކީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް