ކަފާލާތުގެ ދަށުން މިހާރު ކުށްވެރިން ދޫކުރެވޭނެ

ޖިނާއީ ހުކުމްތައް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ބަންދުން ދޫކޮށްލެވޭނެ ހަމަތައް ހިމަނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނ...

17 Dec 2024 | 12:43

ޖިނާއީ ހުކުމްތައް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ބަންދުން ދޫކޮށްލެވޭނެ ހަމަތައް ހިމަނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުއެވެ. ބިލު މަޖިލީހުން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. މި ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 9 ވަނދުވަހުއެވެ.

ކުށެއް ސާބިތުވާ މީހަކަށް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ހައްގު ދެވޭކަށް ޖިނާއީ އިޖުރާތުގައި ގާނޫނުގައި މިހާރަކު ނޯވެއެވެ. އެހެންކަމުން އެ ލުއިތައް ލިބޭގޮތަށް ބަދަލުކޮށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ބިލުގެ ދަށުން، މިހާރު ތަންފީޒުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ އާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިސްލާޙުކުރުމާއެކު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ހާލަތްތަކާއި، ކުށް ސާބިތުވާކަމުގެ ހުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ހާލަތްތަކާއި، އެކަމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭ އިސްލާހުތައް ހިމަނައިފައިވާކަން ފާހަގަކުރެވެއެވެ.

އަދި މި ބިލުން، ސައިބާސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޯލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅައިފައިވެއެވެ.

އޭގެ އިތުރުން، ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ހޯދައިފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދައިފައިވާ ފައިސާ ކަމުގައި ބެލެވޭ ހާލަތްތަކުގައި އެ ފަރާތްތަކުގެ އެކައުންޓުތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވައި، ޤާނޫނީ ނިޒާމުގެ ތެރެއިން މި ކުށް ހުއްޓުވުމުގެ ގޮތުން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިސްލާހުތަކެއް މި ބިލުގައި ހިމަނައިފައިވާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް