އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ގާނޫނު އަސާސީގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސައިބަރ ކުށްތައް ހުއްޓުވުމަށް އިސްލާހު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށެވެ. މި ބިލުތައް މަޖިލީހުން ފާސްކުރެއްވީ މި މަހުގެ 9ވަނަ ދުވަހު ބޭއްވި 20ވަނަ މަޖިލީހުގެ 58ވަނަ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައި އިސްލާހަކީ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކަކީ ގާނޫނުން ކުށެއް ކަމުގައި ކަނޑައަޅުއްވައި ސައިބަރކްރައިމްގެ ގޮތުގައި ގާނޫނުލްޢުގޫބާތުގައި ހިމެނޭ ކުށްތައް އިތުރުކުރުމަށް ގެނައި އިސްލާހެކެވެ.
ސައިބަރ ކްރައިމްގެ ގޮތުގައި އިތުރު ކުރެވުނު ކުށްތައް* ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން* ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން* ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުން* ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން* ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން* ސައިބަރ ވަޔަލަންސްގެ އަމަލުތައް* ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް* ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް* ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، މިހާރު ތަންފީޒުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިސްލާޙުކުރުމާއެކު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތައް ވަނީ ހިމަނުއްވާފައެވެ.
އެގޮތުން އަދި، ކުށް ސާބިތުވާކަމުގެ ޙުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭ އިޞްލާޙުތައްވެސް ވަނީ ހިމަނުއްވާފައެވެ.
މި އިސްލާހުން، ސައިބަރސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅާފައިވެއެވެ.
އެގޮތުން، ޒާތީ މުޢާމަލާތްތައް އިސްޓަރސެޕްޓްކުރުމާއި، ސަބްސްކްރައިބަރ އަދި ކޮމިއުނިކޭޝަން ޑޭޓާ ރީޓެއިންކުރުމާއި އެކަމާ ގުޅޭ ކޯޓު އަމުރު ހޯދުމާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުމާއި، ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތުތަކާއި، ރިއަލް-ޓައިމްގައި ޓްރެފިކް ޑޭޓާ ނެގުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، މާލީ އިދާރާތަކާ ދެމެދު ރައްކާތެރިކަމާއެކު ރިއަލް-ޓައިމްގައި މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް، ޤާއިމުކުރެވޭނެއެވެ.
މީގެ އިތުރުން ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަޙްޤީޤުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޓަކައި، 24 ގަޑިއިރުގެ ނެޓްވަރކެއް ޤާއިމުކޮށް، އެ ނެޓްވަރކުން ފޯރުކޮށްދެވޭ އެހީތެރިކަމުގެ ތެރޭގައި ހިމެނޭނެ ކަންކަންވެސް އިސްލާހުގެ ތެރޭގައި ވަނީ ހިމަނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ތިން ބިލު ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް