ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެފައިވާއިރު ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އަދި އަރަބި ކަނޑުގައި ކޮޅިގަނޑެއް ވަނީ އުފެދިފައެވެ.
އިއްޔެ މެޓް އޮފީހުންވެސް ބުނެފައިވަނީ މި ދެ ކޮޅިގަނޑާ ގުޅިގެން މާދަމައިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އާންމު ވައި ބާރުވާނެ ކަމަށެވެ.
މި ދެ ކޮޅިގަނޑަށް ބަލައިލާއިރު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައިވާގޮތުގައި ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު މިއަދު ހުރީ ބަންގާޅު ކަނޑުގެ ހުޅަނގު ދެކުނުގައެވެ. މި ކޮޅިގަނޑުގެ މިހާރުގެ ދަރަޖައަކީ "ލޯ ޕްރެޝަރ" ކަމުގައިވާއިރު ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ "ވެލް މާކްޑް ލޯ ޕްރެޝަރ" އަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފައިވެއެވެ.
މި ކޮޅިގަނޑު ދަތުރުކުރަނީ އިރު އުތުރަށް އިންޑިއާގެ ތަމިލްނާޑޫ އައްސޭރިއާ ދިމާއަށް ކަމަށްވެސް ބުނެފައިވެއެވެ.
އަރަބި ކަނޑުގައި ހުރި ކޮޅިގަނޑަށް ބަލައިލާއިރު މި ކޮޅިގަނޑު އުފެދިފައިހުރީ ލަކްޝަދްވީޕް ސަރަހައްދުގައި ކަމަށް އިންޑިއާ މެޓުން ބުނެއެވެ. މި ކޮޅިގަނޑުގެ ބާރު ދަށްވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
މި ދެ ކޮޅިގަނޑުގެ ނުސީދާ އަސަރު ރާއްޖެއަށްވެސް ކުރަމުން އަންނައިރު މިއަދުވެސް މެޓުން ބުނެފައިވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް