ގެދޮރުވެރިޔާ ސްކީމް މައްސަލައިގާ ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ބަޔާންތައް ނަގަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އޭސީސީން ދެންމެ ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް، މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން މިކޮމިޝަނަށް ދިނުމާއެކު، ތަޙުޤީގުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާކަމަށެވެ.
"މިކާމާ ގުޅޭގޮތުން ތަޙުޤީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަޙުޤީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ކޮމިޝަނުން މިދަނީ ނަގަމުންނެވެ" އޭސީސީން ބުނެފައިވެއެވެ.
މިރޭ އޭސީސީން އިތުރަށް ބުނެފައިވަނީ މިއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވުމުން، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ތަޙުޤީގު ނިމުމަށް ކޮމިޝަނުގައި މިކަމަށް ބޭނުންކުރެވެންހުރި، ފަންނީ އަދި އިންސާނީ ވަޞީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް