ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށާއި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ ގޮތުގައި އަޅުގަނޑު ދެމި ހުންނާނަން. ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރާނަން"
ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވެލައްވާކަމަށާއި ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އެމަނިކުފާނު ވަރަށް ފިކުރުކުރައްވާކަމަށެވެ. އަދި އެ ކަމަށް ޓަކައި އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް ޓަކައި އަދި ﷲގެ ރަސްކަންފުޅަށް ޓަކައި އަދާކުރައްވާނެކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ސަރުކާރުން މިވަނީ ބަރަހަނާ މަންޒަރުތައް ބެލޭ ވެބްސައިޓްތައް ބްލޮކްކުރަން ފަށާފައެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމުގައިވީނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާކަމަށެވެ. އަދި މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، ވެރިޔާގެ މައްޗަށް ލާޒިމުކުރާކަމަށެވެ.
"ހަމަ އެހެންމެ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެކަމަށާއި މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް