ޢަދުލުވެރިކޮށް މައްސަލައެއް ނިންމައިދޭ ފަނޑިޔާރުން ތިބިކަން ޔަގީންވާން ކޮންމެ މީހަކުވެސް އެދޭނެ: ހިސާން

ޢަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަޤީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ...

17 Dec 2022 | 18:29

ޢަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަޤީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ "ޖުޑިޝަރީ ފޮރ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ނާއިންސާފުން ތިމާގެ ހައްޤެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމަށެވެ.

އަދި އެ ހައްޤު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށް އެކޮމިޝަނުން ކުރަނީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށާއި އެއީ ދަތި އުނދަގޫތަކުގެ ތެރެއިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއްކަން އެ ކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކަންމިހެން ހުރިއިރު ވެސް، އެކަން ކުރަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ލިބޭނެކަން ޔަގީންކޮށްދިނުމަށް ކަމަށާއި

ޖުޑިޝަރީއަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުން އެކަނި ނޫންކަމަށް ހިސާން ވިދާޅުވިއެވެ.

އެހެން ހުރިހާ ދާއިރާއެކޭ ވެސް އެއްގޮތަށް މި ދާއިރާއަކީ ވެސް ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި، ސޯޝަލް ވޯކަރުން ބޭނުންވާ ދާއިރާއެއް ކަމަށާއި އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ވެސް ބޭނުންވާ ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ މި ވޯކްޝޮޕަކީ ކުދިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މި ވޯކްޝޮޕް ނިމޭއިރު ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އިތުރުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް