ފީފާ ވޯލްޑް ކަޕް 2022 ގެ "ޕްލޭ-އޮފް ފޯ ތާޑް ޕްލޭސް" މެޗު ކާމިޔާބުކޮށް ކްރޮއޭޝިއާއިން މުބާރާތުގެ 3 ވަނަ މަގާމް ހޯދައިފިއެވެ. މިރޭ ކުޅުނު މެޗުން ކްރޮއޭޝިއާއިން މޮރޮކޯގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ.
މި ދެ ގައުމު މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް، މިރޭގެ މެޗު ފަށައިގެން 7 މިނިޓުގެ ތެރޭގައި ކްރޮއޭޝިއާއިން ގޯލު ހުޅުވާލިއެވެ. މޮޑްރިޗް ނަގައިދިން ހިތްގައިމު ހިލޭ ޖެހުމަކުން، ޑިފެންޑަރުގެ ކައިރިން ސަލާމަތްވެ ޕެރިސިޗް ބޯޅަ ހޯދާ އޭރިޔާގެ ތެރެއަށް ނަގައިދިނުމުން ގަވާޑިއޯލް ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ.
ކްރޮއޭޝިއާއަށް ލީޑު ހިފަހައްޓާލެވުނީ ކުޑައިރުކޮޅަކުއެވެ. ކްރޮއޭޝިއާއިން ލަނޑު ޖެހިތާ އެންމެ 2 މިނިޓުގެ ތެރޭގައި ދާރީ ޖެހި ލަނޑުން މޮރޮކޯއިން ނަތީޖާ ހަމަހަމަކޮށްލިއެވެ. ޒިޔެކް ފޮނުވާލި ހިލޭ ޖެހުން، ކްރޮއޭޝިއާގެ ވޯލްގައި ހުރި މޭހާގެ ގައިގައި ޖެހިފައި އޭރިޔާގެ ތެރެއަށް ވަނުމުން ދާރީ ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ.
ފުރަތަމަ ހާފުގެ ބާކީ ބައިގައި ދެ ޓީމުން ވެސް ލިބުނު ފުރުސަތުތަކުގައި ހަމަލާތައް އުފެއްދިއިރު، ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން އަނެއްކާ ވެސް ލީޑު ނެގިއެވެ. ލިވާޖާ ޖައްސާލި ބޯޅައިން އޯސިޗް އޭރިޔާގެ ވެސް ބޭރުން ދުރުކަނަށް ބޯޅަ ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ވެސް ޖެހިފައެވެ. މިއީ މި މުބާރާތުގައި ފެނުނު އެންމެ ރީތި އެއް ލަނޑެވެ.
ދެ ވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ އެޓޭކިންގް ގޭމެއް ފެނުނުއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. ނަމަވެސް، މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނިއެވެ.
މި މޮޅާއެކު ފީފާ ވޯލްޑް ކަޕް 2022 ގެ 3 ވަނަ މަގާމް ކްރޮއޭޝިއާއަށް ލިބުނުއިރު، މިއީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެ ގައުމަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ކުޅުނު ގައުމެކެވެ. އަނެއްކޮޅުން، މޮރޮކޯ ބަލިވި ނަމަވެސް، މި މުބާރާތުގެ 4 ވަނަ ލިބުމަކީ އެ ގައުމުގެ ތާރީޚްގައި ވެސް ވޯލްޑް ކަޕްގައި ލިބުނު އެންމެ ފުރިހަމަ ކާމިޔާބީއެވެ. އަދި މިއީ އެފްރިކާގެ ގައުމެއް ހޯދި އެންމެ ފުރިހަމަ ނަތީޖާ ވެސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް