ފައިސަލް މަރެއް ނުވޭ!

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓަ އަމިއްލައަށް މަރުވާ މަސައްކަތް ކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވެއްޖެ ކަމަށް ބ...

17 Dec 2022 | 16:34

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓަ އަމިއްލައަށް މަރުވާ މަސައްކަތް ކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވެއްޖެ ކަމަށް ބުނާ ވާހަކަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ދޮގުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ފައިސަލް ބަންދުކޮށްފައި ހުރީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި އެވެ. ފުލުހުން ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އޭނާ ހުރި ގޮޅީގައި ދަން ޖެހިގެން މަރުވާން މަސައްކަތް ކުރި ކަމަށެވެ.

އެރެއިން ފެށިގެން އޭނާއަށް ކޭއާރުއެޗްގައި ފަރުވާ ދެމުންދާއިރު މިރޭ ވަނީ ފައިސަލް މަރުވެއްޖެ ކަމަށް ބުނެ އަޑު ފެތުރިފައި އެވެ.

މިކަމާއި ގުޅިގެން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ފައިސަލަށް އަދިވެސް ފަރުވާ ދެމުން ދަނީ ކޭއާރުއެޗްގެ އައިސީޔޫގައި ކަމަށެވެ.

އެކަމަކު ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ނިޝާމާ މަރުވެފައި އޮއްވަ ފެނުނީ ފައިސަލް ހައްޔަރު ކުރި ދުވަހުގެ ހެނދުނު އެވެ. އޭނާ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މަރުކަޒާއި ހަވާލާދީ ފުލުހުން އެދުވަހު ބުނެފައިވެ އެވެ. ނިޝާމާގެ މަރާލިކަމުގެ ތުހުމަތު ފައިސަލަށް ކުރިނަމަވެސް އެ ކުށަށް އޭނާ އިއުތިރާފުވިކަމެއް އަދި ނިޝާމާގެ މަރާއި ފައިސަލް އާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި ހަށިގަނޑު މާލެ ގެނެސްފައި އެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވޭނެ ދުވަހެއް ނޭނގޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް