ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު މާދަމާ ކުޅޭއިރު، ސަޕޯޓަރުންގެ މެޗުގައި ވަނީ ވަރަށް ބޮޑަށް ފޯރިގަދަ ވެފައެވެ. އާޖެންޓީނާ އާއި ފްރާންސްގެ ތެރެއިން، ވޯލްޑް ކަޕްގެ ތަށި ނަގާނީ ކޮން ބައެއްތޯ ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާއިރު، ޗެމްޕިއަން ޓީމު ލަފާކުރުމަށް، ނުވަތަ ދިމާކުރުމަށް ތަފާތު އުކުޅުތައް ވެސް ފޯރީގައި ސަޕޯޓަރުންގެ މެދުގައި އަންނަނީ ބޭނުންކުރަމުންނެވެ.
ތަފާތު އެކިއެކި އިނާމްތައް ހޯދުމަށާއި، މީސް މީޑީޔާގައި ފޯރިގަދަކޮށްލުމަށް، ތަފާތު ސްކޯތައް ލިޔެ، ތަށި ނަގާނެ ޓީމު ލަފާކުރުމަށް އެތައް ހާސް ޕްރިޑިކްޝަންތަކެއް އާންމުކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ލިބެނީ ތަފާތު އެކިއެކި ޖަނަވާރުތައް ބޭނުންކޮށްގެން ސްކޯ ލަފާކުރުމަށް ހަދަމުންދާ ވީޑިޔޯ ތަކަށެވެ.
މިގޮތުން އާޖެންޓީނާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗުން މޮޅުވާނެ ބަޔަކު ލަފާކުރުމަށް ޓިކްޓޮކްގައި ގިނަ ބަޔަކު ގެންދަނީ ކުއްތާ އާއި ބުޅަލާއި، ކަހަނބާއި، ބާޒުގެ އިތުރުން ތަފާތު އެކި ކަހަލަ މަސްތަކާއި، މި ނޫން ވެސް އެކިއެކި ޖަނަވާރުތައް ބޭނުންކޮށްގެން ވީޑިޔޯ ހަދާ އާންމު ކުރަމުންނެވެ. މީގެ ތެރެއިން ގިނަ ޕްރިޑިކްޝަންތަކުން ދައްކަނީ ފީފާ ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަނުންނަކީ އާޖެންޓީނާ ކަމަށެވެ.
މި ކަންތައްގަނޑުގެ ފެށުމަކީ ބޯވައެއް
ތަފާތު އެކިއެކި ޖަނަވާރުން ބޭނުންކޮށްގެން ސްކޯ ޕްރިޑިކްޝަން ވީޑިޔޯތައް ހެދުމުގެ ފެށުމަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރި ބޯވަ އެވެ. ޕައުލްގެ ނަން ދީފައިވާ ބޯވަ ބޭނުންކޮށްގެން ހެދި ޕްރިޑިކްޝަންތަކުގެ ތެރެއިން 8 މެޗުން މޮޅުވި ޓީމު އެ ބޯވައަށް ވަނީ ދިމާވެފައެވެ. ފައިނަލް މެޗުން ނެދަލެންޑްސްގެ މައްޗަށް ސްޕެއިން ކުރި ހޯދާނެ ކަމަށް ވެސް ޕައުލް ބޯވަ ލަފާކުރިކުރުން ވަނީ ދިމާވެފައެވެ.
ޕައުލްގެ ކާމިޔާބީ ތަކުރާރުކުރުމަށް މިހާތަނަށް އެކިއެކި ޖަނަވާރުތައް ބޭނުންކޮށްފައިވިޔަސް، ޕައުލްގެ އެ ކާމިޔާބީ އަދި މިހާތަނަށް އެއްވެސް ޖަނަވާރެއްގެ ޕްރިޑިކްޝަންއަކަށް ތަކުރާރުކުރެވިފައެއް ނުވެއެވެ.
2008 ވަނަ އަހަރު ޔޫކޭގެ އެކުއޭރިއަމްއަކަށް އުފަންވި އެ ބޯވަ މަރުވީ 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް