ފީފާ ވޯލްޑް ކަޕް 2022 ތިންވަނަ ހޮވާ މެޗު: ކްރޮއޭޝިއާ – މޮރޮކޯ މެޗު ޕްރިވިޔު

ތާރީޚް: 17 ޑިސެމްބަރ 2022 ގަޑި: 20:00 ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ފީފާ ރޭންކިންގ: ކްރޮއޭޝިއާ (12)، މޮރޮކޯ (22) ހެޑް-ޓު-ހެޑް ނަތީޖާތައް: މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމު އެ...

17 Dec 2022 | 10:14

ތާރީޚް: 17 ޑިސެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ފީފާ ރޭންކިންގ: ކްރޮއޭޝިއާ (12)، މޮރޮކޯ (22)

ހެޑް-ޓު-ހެޑް ނަތީޖާތައް:

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމު އެއް ގްރޫޕަކަށް ލައްވާލިއިރު، ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ 3 ވަނަ ހޮވާ މެޗު މިރޭގެ 20:00 ގައި ފަށާއިރު، ކްރޮއޭޝިއާ އާއި މޮރޮކޯ މީގެ ކުރިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވަނީ ވާދަކޮށްފައެވެ. އެއް ގްރޫޕަކަށް ލައްވާލި 2 ގައުމު ކުޅުނު މެޗުގައި، މޮރޮކޯއިން ވަނީ ކްރޮއޭޝިއާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާލާފައެވެ. އެހާ ހިސާބުން ފެށިގެން، ސެމީ ފައިނަލް މެޗާ ހަމައަށް ވެސް މޮރޮކޯގެ ގަދަބާރަކީ އެ ޓީމުގެ ޑިފެންސް އެވެ. ސެމީ ފައިނަލް މެޗާ ހަމައަށް ވެސް މޮރޮކޯ ކޮޅަށް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. މޮރޮކޯ ކޮޅަށް ވަން ހަމައެކަނި ލަނޑަކީ އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސެމީ ފައިނަލްގައި ވަރުގަދަ ފްރާންސުން މޮރޮކޯ ކޮޅަށް ޖެހީ 2 ލަނޑެވެ.

މޮރޮކޯ އެކޭ އެއްގޮތަށް ސެމީ ފައިނަލާ ހަމައަށް ކްރޮއޭޝިއާގެ އެންމެ ވަރުގަދަ ބާރަކީ ހަމަ ޑިފެންސެވެ. ކްރޮއޭޝިއާއިން ރައުންޑް އޮފް 16 އަދި ކުއާޓާ ފައިނަލް މެޗުން މޮޅުވީ ވެސް، ނަތީޖާ ހަމަހަމަކޮށްލާ ޕެނަލްޓީއިން މޮޅު ވެގެންނެވެ. އެހެނަސް، ސެމީ ފައިނަލް މެޗުގައި އާޖެންޓީނާއިން ވަނީ ކްރޮއޭޝިއާ ކޮޅަށް 3 ލަނޑު ޖަހާފައެވެ.

ކުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، މޮރޮކޯ އާއި ކްރޮއޭޝިއާ ގުޅުން ދާދި އެއްގޮތެވެ. ބޮޑަށް ޑިފެންސިވް ގޭމަކަށް އިސްކަން ދީގެން ކުޅެ، ލިބޭ ފުރުސަތުގައި އަވަސް ދިގު ޕާސްތަކާއެކު، ކައުންޓަރ އެޓޭކުން ލަނޑު ޖަހަން މަސައްކަތް ކުރެއެވެ. އެހެންކަމުން، މިރޭގެ މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ފެނުން ވަރަށް ގާތެވެ. ނަތީޖާ ބުރަވާނީ، އެޓޭކް ކުރަން ލިބޭ ފުރުސަތުގައި ބޮޑަށް ރަނގަޅަށް ބޭނުން ހިފޭ ބަޔަކަށެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 1-0 ގެ ނަތީޖާއިން މޮރޮކޯ މޮޅުވުމެވެ.

ކްރޮއޭޝިއާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ލިވަކޮވިޗް، ސްޓަނިސިޗް، ލޮވްރެން، ގަވާޑިއޮލް، ސޯސާ، މޮޑްރިޗް، ޖަކިޗް، ކޮވަކިޗް، ވްލަސިޗް، ކްރަމަރިޗް، ޕެރިސިޗް

މޮރޮކޯ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ބޯނޯ، ހަކީމީ، ޔަމީގް، ދާރީ، އަތިއްޔަތުﷲ، އޮނާހީ، އަމްރަބަތް، އަމަލާ، ޒިޔެކް، ނެސީރީ، ބޯފަލް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް