މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ރަޖިސްޓަރީ ވުމުގެ މުއްދަތަކީ މި މަހުގެ 22 އިން ފެށިގެން އަންނަ ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް މިނިސްޓްރީއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުންކަމަށެވެ.
އެހެންކަމުން، އެ މީހުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ ކަމަށާއި ނަމަވެސް އެ އާއިލާތަކުގައި ވެސް އަންނަ މަހުގެ 19 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް