ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެމަރުކަޒު ވެގެންދާނީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމަށެވެ.
ފައިސަލް ވިދާޅުވީ، ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުކަމަށެވެ. އަދި، މިފާއިތުވެ ދިޔަ ތަނުގައިވެސް ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ މަރުކަޒެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.
މިގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަޞީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށާއި، އެހެންކަމުން މުޖުތަމަޢަށާއި ޤައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސްކޫލެއްގެ ދައުރަކީ، މުޖުތަމަޢަށް ފައިދާހުރި، ޤައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށާއި އަދި ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިޔަށް ދެވޭނެ ފުރުޞަތުތައް ހުރިކަން ފާހަގަކުރައްވައި، އެފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ޖަލްސާގައި ވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. މިގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމަށް ވެސް މިޖަލްސާގައި ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވުނު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ މިހާރު، ގްރޭޑް 7ން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ ސްކޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް