ސްޕެއިންގެ ގައުމީ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުން މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކެޓި ސްޕެއިންގެ ގައުމީޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އިއްޔެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
15 އަހަރު ސްޕެއިންގެ ގައުމީޓީމުގައި ހޭދަކޮށް 143 މެޗު ކުޅެދީފައިވާ ބުސްކެޓްސް ގައުމީޓީމުން ރިޓަޔަކުރި އިރު، އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ ސްޕެއިންގެ ގައުމީޓީމަށް ކުޅުން ހުއްޓާލާ ވަގުތު އައިސް ޖެހިއްޖެ ކަމަށާއި، ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ދިން ކަމަށްޓަކާ ވިސެންޓޭ ޑެލްބޮސްކޭ އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭގެފަހުން ސްޕެއިންގެ ޓީމާއި ހަވާލުވި ކޯޗުންނާއި އެކުގައި ކުޅުނު ކުޅުންތެރިންނަށް ވެސް ބުސްކެޓްސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަދި މީގެ އިތުރުން ބުސްކެޓްސް ބުނީ ގައުމީ ޓީމަށް 2009 ވަނަ އަހަރު ކުޅެން ފެށުމާއެކު ހިއްސާކުރެވުނު އުފާވެރި ވަގުތުތަކާއި، އެ ދުވަސްތަކުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ގައުމީ ފުޓުބޯޅަ ކުޅުން ނިންމާލި ނަމަވެސް ސަޕޯޓަރުންނާއި، ޓީމުގެ މަތިން ހަނދާންވާނެ ކަމަށެވެ.
އުމުރުން 34 އަހަރުގެ ބުސްކެޓްސް ވަނީ ސްޕެއިން ގައުމީޓީމާއި އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ގެ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް