ދިރާގާއި ހޯޕް ފޯ ވިމެން އެންޖީއޯ ގުޅިގެން ބައިނަލްއަޤްވާމީ ޖެންޑާ އެޑްވޮކަސީ ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ޖެންޑަރ އެޑްވޮކަސީ ވާރކްޝޮޕެއް ބާއްވާއިފިއެވެ.
ދިރާގުން ބުނީ މި ވޯކްޝޮޕް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސީއެސްއޯތަކާއި އެސްއޯއީތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށް ކަމަށެވެ.
މި ވާރކްޝޮޕްގެ މައިގަނޑު މަޤުސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި ގެވެށި އަނިޔާއާއި މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުންދިނުން ކަމަށް ދިރާގުން ހާމަކުރެއެވެ.
މިގޮތުން ޖެންޑަރ ކޮންސެޕްޓްތަކާއި ޖެންޑަރ މެއިންސްޓްރީމިންގއާއި މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތުކުރުމާއި ދެކޮޅަށް ވަކާލާތުކުކުރުމުގެ ހަރުދަނާ ގޮތްތަކާއި ހޭލުންތެރިކަން އިތުރުކޮށް ޤައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ހާމަކުރެއެވެ.
ހޯޕް ފޯ ވިމެން ގެ ޗެއާރޕާސަން އަހްމަދު އަންވަރު ވިދާޅުވީ މި ޖެންޑަރ އެޑްވޮކަސީ ވާރކްޝޮޕް ކުރިއަށް ގެންދިއުމަށް ދިރާގުން ހޯޕް ފޯ ވިމެން އާއި ގުޅިގެން މަސައްކަތް ކުރި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި ވަކިން ހާއްސަކޮށް އަންހެނުންނަށް ކުރާ އަނިޔާ ތައް ހުއްޓުވުމަށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ #16DaysOfActivism ކެމްޕެއިނާއި ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަކީ ވަރަށް މުނާސަބުކަމެއް ކަމަށެވެ.
އަދި އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންވެސް، މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކައި ބެހޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ހޯޕް ފޯ ވިމެންގެ ޗެއާރޕާސަން، އަހްމަދު އަންވަރު ވިދާޅުވިއެވެ.
ހޯޕް ފޯ ވިމެންއަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓާލައި، މިންތީގެ ހަމަހަމަކަމާއި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
މިގޮތުން ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ހޯޕް ފޯ ވިމެންއިން ވަނީ އެކިއެކި ވަކާލާތުކުރުމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. އަދި މި ވަރކްޝޮޕްތަކުގެ ސެޝަންސް ތައް ކުރިއަށްގެންގޮސްފައިވަނީ އެ ޖަމިއްޔާގެ ހޯޕް އިންސްޓިޓިއުޓް ފޮރ ރިސާޗް އެންޑް ޓްރެއިނިންގގެ ފަރާތުން ކަމަށް ހޯޕް ފޯ ވިމެން އިން ބުނެފައި ވެއެވެ.
މީގެ އިތުރުން، ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، "#16DaysOfActivism ގެ ދަށުން ހޯޕް ފޯ ވިމެންއާއިއެކު މި މުހިންމު ޖެންޑަރ އެޑްވޮކަސީ ވޯކްޝޮޕަށް އެއްބާރުލުންދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިގޮތުން އެކި ދާއިރާތަކުގެ އެކި ބޭފުޅުން އެއް މަޤްސަދެއްގައި މި ވޯކްޝޮޕްގައި ބައިވެރިވަޑައިގެންކަމީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ދިރާގުން ބުނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ވަނީ އެކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގައި އިސްކަންދޭ މައިގަޑު ދާއިރާތަކުގެ މައުލޫމާތު މުވައްޒަފުންނާއި އާންމުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މިގޮތުން ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި މަސައްކަތުގެ މާހައުލަށް އިސްކަންދިނުމާއި ޚާއްސަކޮށް ޓެކްނިކަލް ދާއިރާތަކުގައި އަންހެނުން ކުރިއެރުވުން ހިމެނޭ ކަމަށް ދިރާގުން ހާމަކުރެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަންނަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްތަކުގެ ދަށުން އަންހެނުންނަށް ހިތްވަރުދީ ބާރުވެރިކުރުމުގެ ހަރަކާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް