ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ލިބި ނުދޭ ވާހަކަ އާއި ކުޑަކުދިންނަށް އިހުމާލުވެ އެކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައި ނުދެވޭ ވާހަކައަކީ މުޖުތަމަޢުގައި އައު ވާހަކަތަކެއް ނޫނެވެ. ކަމާބެހޭ އިދާރާތަކުންނާ މީޑިއާގެ ވަޞީލަތްތަކުން ދަނީ ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށާއި ލިބިދިނުމަށް ބާރުއަޅައި ހޭލުންތެރި ކުރުމަށް އެތައް ނަސޭޙަތްތަކެއްދީ އެތައް ވާހަކަތަކެއް ދައްކައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ވާހަކަ އާއި، އިހުމާލުގެ ވާހަކަ އަޑު ނީވޭ ދުވަހެއް ނުދެއެވެ.
ޝައްކެއްވެސް ނެތްގޮތުގައި ދަރިންނަކީ ނުވަތަ ކުދިންނަކީ އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވެ އެންމެ ހެޔޮގޮތުގައި ފާރަވެރި ނުވެއްޖެނަމަ އެކަމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޖަވާބުދާރީވާން ޖެހޭ އަމާނާތެކެވެ. ކަންއޮތީ މިހެންކަމަށްވިޔަސް އެކަމާ ދޭތެރޭ ފުންކޮށް ވިސްނައި އަޅުގަނޑުމެންގެ ދަރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތަށް އެޅިފައެއް ނުހުރެއެވެ. ނަތީޖާއަކަށް ވެގެންދަނީ އެތައް ކުދިންނެއްގެ މުސްތަޤުބަލްގެ އުޖާލާކަން ގެއްލި ޅަޢުމުރުގައި ބޮޑެތި ބޮޑެތި އަނިޔާތައް އެކުދިންނަށް ތަޙައްމަލް ކުރަންޖެހުމެވެ.
ކުޑަކުދިންނަށް ކުރާ އެންމެ ޢާއްމު އަނިޔާއެއް ގޮތުގައި ވެފައި އޮންނަނީ ޖިންސީ އަނިޔާއެވެ. ނޫނީ ޖިންސީ ގޯނާއެވެ. ނޫންނަމަ ޖިންސީ ފުރައްސާރައެވެ. މީގެއިތުރުން ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އިހުމާލު ވުމުގެ އަނިޔާގެ ވާހަކައަކީވެސް މަދު ވާހަކަތަކެއް ނޫނެވެ.
ފުލުހުންނަށް ހުށަހެޅިފައިހުރި މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރަށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހުށަހެޅިފައި ހުރިކަން ފާހަގަ ކުރަން ޖެހެއެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ފާއިތުވި 5 އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނާ އެއްޖިންސުން ގުޅުންހިންގި 74 މައްސަލަ ހުށަހެޅިފައި ވެއެވެ. މީގެ ތެރެއިންވެސް 2014 ވަނައަހަރަށްވުރެ މިއަހަރު އެފަދަ މައްސަލަ 2 ގުނައަށް ވަނީ އިތުރު ވެފައެވެ. މިގޮތުން 2014 ވަނައަހަރު ކުޑަކުދިންނާ އެއްޖިންސުން ގުޅުންހިންގި 19 މައްސަލަ ހުށަހެޅުނުއިރު މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 36 މައްސަލަ ހުށަހެޅިފައި ވެއެވެ.
އެއްޖިންސުން ގުޅުން ހިނގުމުގެ މައްސަލައިގެ އިތުރުން ކުޑަކުދިންނާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ 1374 މައްސަލަ ފާއިތުވި 5 އަހަރު ތެރޭގައި ހުށަހެޅުނުއިރު އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް 200 އަށްވުރެގިނަ އެފަދަ މައްސަލަތައް ހުށަހެޅިފައި ހުރިކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ކުޑަކުދިންނާ ގަދަކަމުން ދަބުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް 2011 ވަނައަހަރާއި 2012 ވަނައަހަރު އަދި 2013 ވަނައަހަރު ހުށަހެޅުނު ނިސްބަތް 2014 ވަނައަހަރާއި 2015 ވަނައަހަރު މަދުވަމުން ދިޔަނަމަވެސް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ. 2010 ވަނައަހަރު އެފަދަ 175 މައްސަލަ، 2011 ވަނައަހަރު 267 މައްސަލަ، 2012 ވަނައަހަރު 273 މައްސަލަ، 2013 ވަނައަހަރު 244 މައްސަލަ، 2014 ވަނައަހަރު 207 މައްސަލަ އަދި މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 208 މައްސަލަ ހުށަހެޅިފައި ވެއެވެ. އެކަމަކު މިއަހަރާއި ނިމިދިޔަ އަހަރު އޭގެ ކުރީ އަހަރުތަކަށްވުރެ މިފަދަ މައްސަލަ ހުށަހެޅުނު މިންވަރު ނިސްބަތުން މަދުވާން ފަށާފައިވުމީ ހެޔޮ ފާލެއް ކަމުގައި ބެލިދާނެއެވެ.
ޖިންސީ މައްސަލަ ތަކުގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައްވެސް މަދުނުވެ އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. 2010 ވަނައަހަރު އެފަދަ 16 މައްސަލަ ހުށަހެޅުނުއިރު، 2011 ވަނައަހަރު 35 މައްސަލަ، 2012 ވަނައަހަރު 83 މައްސަލަ، 2013 ވަނައަހަރު 90 މައްސަލަ ހުށަހެޅި 2014 ވަނައަހަރު ހުށަހެޅުނު މައްސަލަތައް މަދުވުމަށްފަހު މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެފަދަ 97 މައްސަލަ ވަނީ ހުށަހެޅިފައެވެ. ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތައް ހުށަހެޅުން މިއަހަރު އިތުރުވި އެއް ސަބަބެއްކަމުގައި ބެލެވެނީ ވ. ރަކީދޫގައި ހިނގި ހިތާމަވެރި ޙާދިސާ އަށްފަހު ރައްޔިތުން އެފަދަ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެގެންދިޔަ ދިއުމަށެވެ. މިއިން އެނގެނީ ކުޑަކުދިންނަށް އިހުމާލުވުން އެކި ސަރަޙައްދުތަކުގައި ހިނގިކަމަށްވިޔަސް އެފަދަ މައްސަލަތައް ރިޕޯޓް ނުކޮށް ސިއްރު ކުރެވިފައި ހުންނަކަމެވެ.
ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާގެ މައްސަލަތައްވެސް ނިސްބަތުން ދަނީ އިތުރުވަމުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން 2010 ވަނައަހަރު އެފަދަ 38 މައްސަލަ، 2011 ވަނައަހަރު 72 މައްސަލަ، 2012 ވަނައަހަރު 109 މައްސަލަ، 2013 ވަނައަހަރު 105 މައްސަލަ، 2014 ވަނައަހަރު 64 މައްސަލަ އަދި މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 173 މައްސަލަ، ކުޑަކުދިންނާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައިގެ ގޮތުގައި ފުލުހުންގެ އިދާރާއަށް ހުށަހެޅިފައި އެބަހުއްޓެވެ. މިއީ ކަންބޮޑުވާން ޖެހޭ މިންވަރުގެ މައްސަލަތަކެއްކަން ތަފާސް ހިސާބުން ފެންނަ ޢަދަދުތަކުންވެސް ކަށަވަރުވެގެން ދެއެވެ.
ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާގެ ކޮންމެ މައްސަލައަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކެއް ނޫނެވެ. ގިނަފަހަރަށް އޮންނަނީ ޢާއިލީ މަޞްލަޙަތަށް، ނޫންނަމަ ރަޙްމަތްތެރިއެއްގެ މަޞްލަޙަތަށް ނޫންނަމަ އެ ބައެއްގެ ވާހަކަ ޢާއްމު ވިޔަނުދިނުމަށް ކުރެވޭ ކަމެއްގެ ގޮތުން ފަސް އަޅައި ފޮރުވާލެވިފައެވެ. ކުޑަކުދިންނާ ގުޅުންގުރި މިފަދަ މައްސަލަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައި އަނިޔާވެރި ޢަމަލުތައް ހިންގާއިރު އެފަދަ ކަންކަން ހާމަނުކޮށް ހުންނަ ވާހަކައަކީ މުޖުތަމަޢުގައި ޢާއްމު ވާހަކަތަކެކެވެ.
ތަރައްޤީ އާއި ތަހުޒީބު އަޅުގަނޑުމެންގެ މުޖުތަމަޢު ވަށާލާފައިވާއިރު، އަޅުގަނޑުމެންގެ ޖީލު ސަލާމަތް ކުރުމަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ އަޅުގަނޑުމެންގެ ޅަ ދަރިންނަށް މުޖުތަމަޢުން ލިބެމުންދާ އަނިޔާ ހުއްޓުވައި އެކުދިންނަށް ފުރިހަމަ ޙިމާޔަތާ ރައްކާތެރިކަން އޮތްކަމުގެ ޔަޤީންކަން ހޯދައިދިނުމެވެ. އެކުދިންނަކީ ބޮޑެތި މީހުންގެ އަނިޔާގެ ވަކިތަކުން ސަލާމަތްވެ މައިންބަފައިންނާ ބަލަދުވެރިންގެ ފުރިހަމަ ޙިމާޔަތުގައި ތިބި ބަޔަކަށް ހަދަން އެބަޖެހެއެވެ.
ނޯޓް: މިއީ ފުލުހުންގެ ވެބްސައިޓްގައި ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ލިޔެފައިވާ ލިޔުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް