ގޫގްލް އިން ރާއްޖޭގައި ބޮޑު ބިޔަ ޕްރޮޖެކްޓެއް – އެތައް މިލިޔަން ޑޮލަރެއްގެ މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވުމުގެ ފުރުޞަތު ބޮޑު !

ގޫގްލް އިން ރާއްޖޭގައި އެތައް މިލިޔަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް އިޢުލާނުކޮށްފިއެވެ. ދިވެހި ނަމެއް ކަމުގައިވާ "ދިވަރު"ގެ ނަމުން ނަންދީފައިވާ ބޮޑު ބިޔަ މި މަޝްރޫޢު ގޫގްލް އިން މިރޭ އިޢުލާނުކޮށްފައިވާއ...

17 Nov 2025 | 17:24
ގޫގަލްގެ "ދިވަރު މަޝްރޫޢު"  -

ގޫގަލްގެ "ދިވަރު މަޝްރޫޢު" -

ގޫގްލް އިން ރާއްޖޭގައި އެތައް މިލިޔަން ޑޮލަރުގެ

ބިޔަ ޕްރޮޖެކްޓެއް އިޢުލާނުކޮށްފިއެވެ.

ދިވެހި ނަމެއް ކަމުގައިވާ "ދިވަރު"ގެ

ނަމުން ނަންދީފައިވާ ބޮޑު ބިޔަ މި މަޝްރޫޢު ގޫގްލް އިން މިރޭ

އިޢުލާނުކޮށްފައިވާއިރު ދިވެހި ސަރުކާރުން ވަނީ ގޫގްލްގެ މި މަޝްރޫޢަށް މަރްޙަބާ

ކިޔާފައެވެ.

ސަރުކާރުން މިކަމަށް މަރްޙަބާ ކިޔައި ނެރުނު

ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ

ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކް

ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނާއި ގޫގްލްގެ އެގްޒެކެޓިވްސް އާ

ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢެއް

ކަމަށާއި މި ތާރީޚީ މަޝްރޫޢަކީ، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި

އިނޮވޭޝަންގެ ދާއިރާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު

މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކުރެވޭ މި

ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލުކަން

ލިބިފައިވާ ފެސިލިޓީއަކަށް، އަދި މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖެ ވެގެންދާނީ

އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރުހުރި

ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި" ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން ފާހަގަކޮށްފައިވާގޮތުގައި މިއީ އިންޑިއާ

ކަނޑުގައި ޤާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި

ހަބެއްގެ ގޮތުގައި ޤާއިމްވުމަށް ލިބިގެންދާ ފުރުޞަތެކެވެ. މާލޭގެ އިތުރުން

ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި

ޤާއިމްކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދީ

ތަރައްޤީއަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މަރުކަޒެއްގެ ގޮތުގައި

ދިވެހިރާއްޖެ ވެގެންދާނެއެވެ.

"ގޫގަލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުނން ދިވެހިރާއްޖޭގައި އިންވެސްތް

ކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދޭ، އަދި ކްލައުޑް ސަރވިސަސް،

ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް

ދިވެހިރާއްޖޭގައި އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް މިންވަރު ދައްކުވައިދޭ،

މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ވަޒީފާގެ

ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި

މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް" ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ފާހަގަކޮށްފައިވާގޮތުގައި މި

މަޝްރޫޢޫ  ކުރިއަށް ގެންދިއުމަށް

ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ

ތަޖުރިބާކާރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ

ބައިވެރިވުމާއެކުގައެވެ. މިކަމުން ދައްކުވައިދެނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި

ރާއްޖޭގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މަޝްރޫޢު ތަންފީޛުކުރުމުގެ ތެރެއިން

މަޢުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ގޫގްލްގެ ފަރާތުން ދޭ އަހައްމިއްޔަތުކަން

ފާހަގަކޮށްފައިވެއެވެ.

މި އިންވެސްޓްމަންޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.

މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ އެޖެންޑާ އާ އެއްގޮތްވާ ގޮތުގެ މަތިން،

ޑިޖިޓަލް އިންޤިލާބީ ބަދަލުތައް ގެނުވައި، ޢުމްރާނީ ތަރައްޤީއަށް މަގުފަހިވެގެންދާނެ

އިންވެސްޓްމަންޓެއް ކަމާއި އަދި އިންޑިޔާގެ ކަނޑުގެ ސަރަޙައްދުގައި ޑިޖިޓަލް

ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ޑިޖިޓަލް ކެނެކްޓިވިޓީގެ ވިލުންތެރިކަން

އިތުރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނޭކަންވެސް

ސަރުކާރުން ފާހަގަކުރެއެވެ.

ގޫގްލްގެ މި އިވެންސްޓްމަންޓަކީ ފައިސާގެ ގޮތުން

ބަލަނީނަމަ ކިހާ ފައިސާއެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސް

އޮފީހުގެ ވެބްސައިޓްގައިވާ މި ޚަބަރާއި ގުޅޭ ލިޔުމެއްގައި ފާހަގަކޮށްފައިވާގޮތުގައި

މިއީ އެތައް އެތައް މިލިޔަން ޑޮލަރެއްގެ މަޝްރޫޢަކަށް ވެގެންދާނެއެވެ.

މިކަމާއި ގުޅޭގޮތުން ގޫގަލްއިން މިރޭ ހާމަކުރި

ބްލޮގްޕޯސްޓްގައިވާގޮތުގައި "ދިވަރު" ވެގެންދާނީ ގޫގަލްގެ އޮސްޓްރޭލިއާ

ކަނެކްޓް އިނީޝިއޭޓިވްގެ ދަށުން ރާއްޖެ ވެގެން މިދަނީ އޮސްޓްރޭލިއާ ބައްރާއި މެދުއިރުމަތި

ގުޅުވާލަދޭ މައި ހަބަކަށެވެ.

މިފަދަ ހަބަކަށް ރާއްޖެ ވުމުން ކުރުގޮތަކަށް

ބުނަނީނަމަ ލެގް ވުމާއި އިންޓަނެޓް ސްޕީޑް އަވަސްވުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

އިންޓަނޭޝަނަލް ބޭންޑްވިޑްތްގެ އަގު ހެޔޮވުމުގެ ފުރުޞަތާއި ބްރޯޑްބޭންޑް އެކްސެސް އިތުރަށް

ފުރިހަމަވުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

އަދި ޒަމާނީ އޭއައި ޓެކްނޮލޮޖީއަށް ޑާޓާ ސެންޓަރުތައް

އެޅުމަށް ރާއްޖެއަކީ ފަހި މަންޒިލަކަށް ވުމުގެ ފުރުޞަތުވެސް މިކަމުން ފަހިވުމުގެ

ފުރުޞަތު ބޮޑުވާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް