ޑިޖިޓަލް ކްލާސްރޫމްތައް ދޫކޮށް ސްވީޑެންގެ ކިޔަވައިދިނުން ފޮތާއި ގަލަމަށް ބަދަލު ކުރަން ފަށައިފި

01 Nov 2026 | 16:30
ސްވިޑެންގެ ސްކޫލެއްގައި ދަރިވަރުން ޑިޖިޓަލް ވަސީލަތްތައް މެދެުވެރިކޮށް ކިޔަވަނީ --

ސްވިޑެންގެ ސްކޫލެއްގައި ދަރިވަރުން ޑިޖިޓަލް ވަސީލަތްތައް މެދެުވެރިކޮށް ކިޔަވަނީ --

ޑިޖިޓަލް ވަސީލަތްތަކަށް ބޮޑު އިސްކަމެއް ދީގެން ތަޢުލީމީ ނިޒާމު ބައްޓަންކުރި ސްވިޑެނުން، ޗާޕުކުރި ޓެކްސްޓް ފޮތާއި އަތުން ލިޔުމާއި ސީދާ ކިޔެވުމުގެ މައްޗަށް ބިނާވާ އުސޫލުތަކަށް ސްކޫލްތައް ބަދަލުކުރަން ފަށައިފިއެވެ.

ލެޕްޓޮޕާއި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ދުނިޔޭގެ ނަމޫނާ ޤައުމެއްގެ ގޮތުގައި ފާހަގަވެފައި އޮތް ސްވީޑެނުން މި ބަދަލު ގެންނަނީ، ސްކްރީނާ ދިމާއަށް ބަލަން ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔުމުގެ ހުނަރާއި ސަމާލުކަމަށް ނޭދެވޭ އަސަރު ކުރާ ކަމުގެ ކަންބޮޑުވުން ބޮޑުވުމާ ގުޅިގެންނެވެ. ޖިސްމާނީ ފޮތް އަލުން ސްކޫލްތަކަށް ގެނައުމަށް ސްވިޑެން ސަރުކާރުން ބޮޑު ހޭދައެއް ކުރަން ވަނީ ނިންމައިފައެވެ.

އެގޮތުން 2026 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 555 މިލިއަން ސްވީޑިޝް ކްރޯނާ މިކަމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ޚަރީފު މޫސުމުން ފެށިގެން ސްކޫލް ގަޑީގައި ދަރިވަރުން މޯބައިލް ފޯނު ބޭނުންކުރުން މުޅިން މަނާކުރަން ވެސް ވަނީ ހަމަޖައްސައިފައެވެ. ޚާއްޞަކޮށް ކުޑަ ކުދިންނާ މެދު ބޭކާރު ސްކްރީން ބޭނުންކުރުން މަދުކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ އެ ޤައުމުން ތަޢާރަފުކޮށްފައެވެ.

ނޮޓިފިކޭޝަންތަކާއި ސްކްރީންތަކާ ދެމެދު ދަރިވަރުން ހޭބޯ ނާރައި އުޅުމުގެ ބަދަލުގައި، ޖިސްމާނީ ފޮތް ކިޔައި، އަތުން ލިޔެ، ފުންކޮށް ވިސްނައި ފަހުމު ބިނާކުރުމަށް ވަގުތު ބޭނުންވާ ކަމަށް ޓީޗަރުން ދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް ސްވީޑެނުން ޓެކްނޮލޮޖީ އެއްކޮށް ދޫކޮށްލާކަށް ނޫޅެއެވެ. އެ ޤައުމުގެ އަމާޒަކީ ކްލާސް ރޫމު ސްކްރީނުން ކޮންޓްރޯލްކުރުމުގެ ބަދަލުގައި، ޑިޖިޓަލް ވަސީލަތްތައް ތަޢުލީމަށް އެހީތެރިވާ ބައެއްގެ ގޮތުގައި ބެހެއްޓުމެވެ.

ދުނިޔޭގެ ޑިޖިޓަލް ރޮނގުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސްވީޑެނުން މި ބަދަލު ގެންނައިރު، ގިނަ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ތަޢުލީމު ރަނގަޅުވުން ކަމަށް ޤަބޫލުކުރެވުނު ވިސްނުމާ މެދު އެ ޤައުމުން ސުވާލު އުފައްދާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް