ޓިކްޓޮކުން ކަސްޓަމަރުންނަށް މަސައްކަތް ނުކުރާ "ޕްލަސީބޯ" ފީޗާއެއް ދީގެން ތަޖުރިބާއެއް ކޮށްފި

ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނީގެ ރައްކާތެރިކަމުގެ ފީޗާއެއް އޮން ކުރަން އުޅުނު އެތައް ހާސް ބަޔަކަށް، މަސައްކަތް ނުކުރާ ފީޗާއެއް ދީގެން ކުންފުނިން އެކްސްޕެރިމެންޓެއް ހިންގާފައިވާ ...

09 Oct 2026 | 04:09
ޓިކްޓޮކުން ކަސްޓަމަރުންނަށް މަސައްކަތް ނުކުރާ "ޕްލަސީބޯ" ފީޗާއެއް ދީގެން ވަނީ ތަޖުރިބާއެއް ކޮށްފަ

ޓިކްޓޮކުން ކަސްޓަމަރުންނަށް މަސައްކަތް ނުކުރާ "ޕްލަސީބޯ" ފީޗާއެއް ދީގެން ވަނީ ތަޖުރިބާއެއް ކޮށްފަ

ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނީގެ ރައްކާތެރިކަމުގެ ފީޗާއެއް އޮން ކުރަން އުޅުނު އެތައް ހާސް ބަޔަކަށް، މަސައްކަތް ނުކުރާ ފީޗާއެއް ދީގެން ކުންފުނިން އެކްސްޕެރިމެންޓެއް ހިންގާފައިވާ ކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ އެމެރިކާގެ ނިއުޔޯކް ސްޓޭޓުގެ ބަންޑާރަނައިބު އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ސިއްރު ހިފެހެއްޓުން އުވާލައި ބުދަ ދުވަހު އާންމުކުރި ލިޔެކިޔުންތަކުންނެވެ.

"ގޯސްޓް" ގެ ނަމުގައި ހިންގި މި އެކްސްޕެރިމެންޓް ޓިކްޓޮކުން ވަނީ އެތައް ހާސް ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްފައެވެ. މި ފަރާތްތަކަކީ ގެއްލުންހުރި ކޮންޓެންޓުން ދުރުވުމަށްޓަކައި، ކޮންޓެންޓް ރިކޮމެންޑޭޝަންތައް ރީސެޓްކުރުމަށް ހަދާފައިވާ "އަލްގޯ ރިފްރެޝް" ފަދަ ސޭފްޓީ ފީޗާތައް ބޭނުންކުރަން އުޅުނު މީހުންނެވެ. ދައުވާގައިވާ ގޮތުން، އެ މީހުންނަށް ހީވެފައި އޮތީ އެ ފީޗާ އެކްޓިވޭޓް ކުރެވުނު ކަމަށެވެ. ނަމަވެސް، ފީޗާގެ އަސްލު މަސައްކަތްކުރާ ވަރޝަން ލިބުނު މީހުންނާ ހިލާފަށް، މި މީހުންގެ ފީޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

އަލަށް އާންމުކުރި މި ތުހުމަތުތަކަކީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ޓިކްޓޮކާ ދެކޮޅަށް ހުށަހަޅުއްވާފައިވާ ދައުވާގެ ބައެކެވެ. މިއީ ކުޑަކުދިން ޓިކްޓޮކަށް ދެވިހިފާ ގޮތަށް އެޕް ފަރުމާކޮށް، ރައްކާތެރިކަމާ މެދު އޮޅުވާލާފައިވާ ކަމަށް ބުނެ އެމެރިކާގެ 20 އަށްވުރެ ގިނަ ސްޓޭޓުން ކުރާ ދައުވާތަކުގެ ތެރެއިން ދައުވާއެކެވެ.

މި ދައުވާގައިވާ ގޮތުން، ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި އެޕްލިކޭޝަނަކީ ކުޑަކުދިންނަށް އެކަށީގެންވާ އެއްޗެއް ކަމަށް ޓިކްޓޮކުން ބުނި ކަމުގައި ވިޔަސް، ނޭދެވޭ ނުވަތަ ގެއްލުންހުރި ކޮންޓެންޓް ނުފެންނާނެ ގޮތް ހަދަން އުޅުނު މީހުން ހިމެނޭ ގޮތަށް ވަކި ގްރޫޕްތަކަކަށް ސޭފްޓީ ޓޫލްތައް ބޭނުންކުރުން އެ ކުންފުނިން ވަނީ އެނގިތިބެ ހުއްޓުވާފައެވެ.

ޓިކްޓޮކުން ބުނީ ޕްލެޓްފޯމަށް އަބަދުވެސް ކުރިއެރުންތައް ގެންނަމުންދާ ކަމަށާއި، އޭގެ މާނައަކީ ގިނަ ކުންފުނިތަކެކޭ އެއްފަދައިން، ހަގީގީ ދުނިޔޭގައި އެތަކެތި މަސައްކަތްކުރާ ގޮތް ދެނެގަނެ ތަޖުރިބާކުރުމަށްޓަކައި ގަވާއިދުން އާ އުފެއްދުންތަކާއި ފީޗާތައް ޓެސްޓްކުރާ ކަމަށެވެ.

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ޓިކްޓޮކުން ވަނީ ނިއުޔޯކްގެ ތުހުމަތުތަކަށް އިންކާރުކޮށް، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިސްކަންދޭ ކަމެއް ކަމަށް ބުނެފައެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހު ޓިކްޓޮކުން ވަނީ ޝަރީއަތަށް ދިޔަ ފުރަތަމަ ސްޓޭޓް ދައުވާ މައްސަލައިގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އެލަބާމާއަށް 300 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ދެއްކުމަށާއި އެ ސްޓޭޓްގެ ކުޑަކުދިންނަށް އެޕް މަސައްކަތްކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ޓިކްޓޮކުން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް