"ދެން ހިނގާ ނިދަން...! ތިކަން ތިހައްލުވީއޭ ދެން...! އައިލީން ވިސްނާނެ ކަމެއް ނެތް...! އަހަރެން ބުނާނަން ތި އެއްމަސް ދުވަސް ނިމޭ ދުވަހަކު އައިލީން ކަންތައް ކުރަންވީގޮތް...! އޭރުން ދެން އެގޮތަކަށް ކަންތައް ކުރީމަ ހުރިހާ ކަމެއް ނިމުނީ...! އެއްގޮތަކަށްވެސް ހާސްވާނެ ކަމެއް...!" އައިލީންގެ ގައިގައި ބާރަށް ހިފަހައްޓާލަމުން ލޯތްބާއެކު ބުރަކަށީގައި ފިރުމާލުމަށްފަހު ރާއިފު ބުންޏެވެ.
ހެނދުނު ހޭލައިގެން އަންޖަލް ބޭރަށް ނުކުތްއިރު މިފްޒާލްގެ މަންމަ ރޮށި ފިހަން ބަދިގޭގައި އުޅެއެވެ. މަންމަ ބަދިގޭގައި އުޅޭތަން ފެނުމާއެކު މަންމައަށް އެހީތެރިވުމަށްޓަކައި އަންޖަލް ބަދިގެއަށް ދިޔައެވެ.
"މިއަދު ހުކުރު ދުވަހެއްނު...! ކޯއްޗެއް މެންދުރަށް ކައްކާނީ...؟" ތަވާ މަތީގައި އޮތް ރޮށި ފުށުން ޖަހާލަމުން އަންޖަލް މިފްޒާލްގެ މަންމަ ގާތުގައި އަހާލިއެވެ.
"ދަރިފުޅު އެހާބޮޑަށް އުނދުނާ ކައިރިނުވެބަލަ...! ބަނޑަށް ހޫނުވާނެ...!" އަންޖަލްއާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލްގެ މަންމަ ބުންޏެވެ.
"ސާބަސް މަންމާ...! މިހެން ހުއްޓަކަސް ބޭބީ އަށް އުނދަގޫ ވާވަރަކަށް ބަނޑަކަށް ހޫނެއް ނުވާނެއޭ...!" ކޯޗެއްތަ ދެން މިއަދު ކައްކާނީ...؟" އަންޖަލް އަނެއްކާ ސުވާލުކޮށްލިއެވެ.
"މަންމަ ހިތަށް މިއަހަރީ ހުކުރުދުވަސްވީމަ މެންދުރަށް ދިވެހި ކެއުމެކޭ ހަދާނީ...! ދިވެހި ކެއުން ދަރިފުޅަށް ރަނގަޅުތަ...؟ ކުޑަކޮށް ވިސްނާލިއިރު ހުރިހާ އެއްޗެއްވެސް ގޭގައި އެބަހުރި....! ބަނބުކެޔޮލީ ބަތް ކައްކަން ބަނބުކޭލެއް އެބައޮތް...! ރިހާކުރު ދިޔަ ހަދަން ރިހާކުރުފުޅިއެއްވެސް އެބަހުރި...! އެ އޮތީ މާޅޮސްކެޔޮ އަރިއެއްވެސް...!" މޭޒުމަތީގައި އޮތް މާޅޮސްކެޔޮ އަރި ދައްކާލަމުން މިފްޒާލްގެ މަންމަ ބުންޏެވެ.
"ކޮންމެ އެއްޗެއްވެސް ރަނގަޅުވާނެ...! މަންމައަށް ފެންނަ އެއްޗެއް ކެއްކީމަ އޯކޭ ވާނެ..! އެހެންވީމަ އަހަރެން ދާނަން ބަނބޮކެޔޮ މަށާލާފަ ކޮށާލަން..." ރޮށިފިހެ ނިމިގެން އުނދުންމަތިން ތަވާ ބާލަމުން އަންޖަލް ބުންޏެވެ.
"ނޫނޭ...! ކެއްކުމުގެ ހުރިހާ ކަމެއްކުރާނީ މަންމަ...! ދަރިފުޅު ސައިބޮއިގެން ކުޑަކޮށް ރެސްޓްކޮށްލަން ދޭ....! މިދުވަސްކޮޅު އެހާ ބުރަކޮށް މަސައްކަތް ކުރާކަށް ނުވާނެ...! ކޮބައިތަ މިފްޒާލް...؟" އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލްގެ މަންމަ ބުންޏެވެ.
"އަހަރެން ބޭރަށް ނުކުތްއިރު އަދި އޮތީ ނިދާފަ އޮތީ...! ރޭގަ ވަރަށް ލަސްވަންދެން ނުނިދާ ފޮތެއް ހިފައިގެން އިން...!" އަންޖަލް ގޮސް ކާމޭޒު ދޮށުގައި އިށީންނަމުން ބުންޏެވެ.
"މިހާރު މިފްޒާލް ކިހިނެތްތަ...؟ ރަނގަޅުތަ...؟ މިހާރު އެހާ ގިނައިން ބޭރަށްދާތަނެއް މަންމައަކަށް ނުފެނެނޭ" ދެ ސައިތަށި ހިފައިގެން ގޮސް މޭޒު ދޮށުގައި އިށީންނަމުން މިފްޒާލްގެ މަންމަ، އަންޖަލް އާ ސުވާލުކޮށްލިއެވެ.
"އާނ...! ހީވޭ މިފްޒާލް މިހާރު ވަރަށް ބޮޑަށް އެބަ ބަދަލުވާހެން...! ކުރިން ދާހެން އެހާ ގިނައިން ބޭރަކަށް ނުދޭ...! މިހާރު ކޮންމެ ރެޔަކުވެސް ގޭގައި ނިދަނީ...! ހިޔެއް ނުވޭ އެކުއްޖާއާ މާބޮޑު ގުޅުމެއް އޮންނަހެނެއް...! ފޯނުގަވެސް ހުންނަތަނެއް ނުފެނޭ...!" އަންޖަލް ރޮށިތަށިން ރޮއްޓެއް ނަގަމުން މިފްޒާލްގެ މަންމަގެ ސުވާލަށް ޖަވާބު ދިނެވެ.
"އަލްޙަމްދު ލިﷲ...! މަންމައަށްވެސް ތިކަން ފާހަގަ ކުރެވޭތާ ދެތިން ދުވަސް ވެއްޖެ..! އިރާދަކުރެއްވިއްޔާ މި މަންމަގެ މާމަ ދަރިފުޅަށް ދެރަގޮތެއް ނުވާނެ...! އެ ދަރިފުޅަށް ރަނގަޅު ބައްޕައެއް ލިބޭތޯ މަންމަ ކޮންމެ ނަމާދަކަށްފަހު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން....! މަންމަގެ މި ދުޢާ މާތް ﷲ އިޖާބަކުރައްވާނެ...!" ހިނިތުންވެފައި ހުރެ މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
"މިފްޒާލް ރަނގަޅު ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު...!" މިފްޒާލްގެ މަންމަ އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.
"ދަރިފުޅު ތިބުނި އެއްޗެއްގެ މާނައަކީ ދަރިފުޅު މިފްޒާލްއަށް މާފު ކުރުމަށްފަހު ބޭބީ ގޮވައިގެން މިގޭގައި މިފްޒާލާއި މަންމައާއި އެކު ދިރިއުޅެން ނިންމީއޭތަ....؟ އެހެންވެއްޖިޔާ މަންމަ ވަރަށް އުފާވާނެ...!" އަންޖަލްގެ މޫނަށް ބަލަހައްޓައިގެން އިނދެ ޖަވާބެއްގެ އިންތިޒާރުގައި މިފްޒާލްގެ މަންމަ ސުވާލު ކުރިއެވެ.
އެ ސުވާލުގެ ޖަވާބުގެ އިންތިޒާރުގައި މިފްޒާލްގެ މަންމަގެ އިންކަމުގައިވިޔަސް އަންޖަލް އެ ސުވާލަށް ޖަވާބެއް ނުދެއެވެ. މިފްޒާލްގެ މަންމަ އިނީ އަންޖަލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ....؟ ކޮބާ ދަރިފުޅުގެ ޖަވާބަކީ...؟ މަންމަ އުއްމީދު ކުރަން މަންމަ މާޔޫސްވާ ކަހަލަ ޖަވާބެއް ދަރިފުޅު ނުދޭނެ ކަމަށް...!" އަންޖަލްއާ ދިމާއަށް ބަލަން އިނދެ މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
"އަދި އެކަމަކާ އިތުރު ގޮތަކަށް އަހަރެން ނުވިސްނަން...! އަހަރެންގެ ނިންމުމަކީ ހަމަ ކުރީގެވެސް ނިންމުން...! އަހަންނަށް ދިމާވި ހުރިހާ ކަމެއް އަހަރެންގެ މަންމައާއި ބައްޕައަކަށް މިހާރު އޮތީ އެނގިފައި...! އެހެންވީމާ އަހަރެންގެ ދިރިއުޅުމާ ގުޅޭ ކަންކަން މިހާރު ނިންމާނީ އަހަރެންނެއް ނޫން...! އަހަރެންގެ މަންމައާއި ބައްޕަ...! މިއީ، އެއްގޮތަކަށްވެސް ތި މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ބުނާ އެއްޗެއް ނޫން...! އަހަރެންގެ އުފަން މަންމައާއި ބައްޕަ ނަގާފަ ދެން އަހަރެން އެންމެ ލޯބިވާ، އެންމެ ގަދަރުކުރާ އެކަކީ ތި މަންމަ...! މަންމަގެ އަޅާލުމާއި، އެހީތެރިކަމާއި، މަންމަ އަހަންނަށް ކޮށްދޭ ކަންކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ...! އަހަރެން މިގޭގައި ނެތަސް، ކޮންމެ ތާކު ހުއްޓަސް އަހަރެން އަބަދުވެސް ތި މަންމަގެ މަތިން ހަނދާން ކުރާނަން...!" އަންޖަލް، މިފްޒާލްގެ މަންމަ އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"ދަރިފުޅާ...! މަންމަ ދަރިފުޅުގެ ދެފައިގައި ހިފާފަ އާދޭސްކޮށްފަ މި ބުނަނީ ދަރިފުޅުގެ ތި ނިންމުން ބަދަލުކުރުމަކީ މިއަދު މަންމަގެ އެންމެ ބޮޑު އެދުން...! މަންމައަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ ދަރިފުޅު މަންމައަށް މިކަން ކޮށްދީ...! ދަރިފުޅަށް ލިބެން ތިއުޅޭ ތުއްތު ތުއްތު ދަރިފުޅު ބައްޕައެއްގެ ކިބައިން މަޙްރޫމް ނުކުރޭ...! މި މަންމަގެ ކިބައިން މަޙްރޫމް ނުކުރޭ...! ދަރިފުޅު މި މަންމަ ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ މި މަންމަގެ ބަސް ޤަބޫލު ކުރޭ...! މިފްޒާލް މިހާރު އެހެރީ މުޅިން ބަދަލުވެފައި...! ދަރިފުޅު ބޭނުން ކޮންމެ ގޮތަކަށް މިފްޒާލް ދަރިފުޅާއެކު ދިރިއުޅޭނެ...!" މިފްޒާލްގެ މަންމަ ވާހަކަ ދައްކަމުން ގެންދިޔައިރު މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
"ތި މަންމަ ދައްކާ ކޮންމެ ވާހަކައެއްވެސް އަހަރެން ގަބޫލު ކުރާނަން...! އެކަމަކު ތިވާހަކަތައް އަދިވެސް އަހަންނަށް ގަބޫލުކުރަން ވަރަށް ދަތި...! ދެންމެ އަހަރެން ބުނިހެން ދެން މިކަމުގައި ގޮތެއް ނިންމަން ތިބީ އަހަރެންގެ މަންމައާއި ބައްޕަ..! އަހަންނަށް މަޖުބޫރުވާނީ އެމީހުން ކޮންމެ ގޮތަކަށް މިކަން ނިންމިޔަސް އެގޮތަކަށް ކަންތައް ކުރަން..! އެކަމަކު މަންމަ ގާތުގައި އަހަރެން އެއްވާހަކަ ބުނެފާނަން....! މިފްޒާލް އަހަރެން ވަރިކުރަންދެން، އަހަރެން އަބަދުވެސް ހުންނާނީ ކިޔަމަންތެރި އަންބެއްގެ ގޮތުގައި މިގޭގައި...! އަހަރެންގެ މަންމަވެސް ބައްޕަވެސް ބޭނުމެއްނުވެ މިފްޒާލްގެ އަންބެއްގެ ގޮތުގައި ހުރެގެން އެނބުރި މިގެއަށް ނާންނަގޮތަށް މިގެއިން ނުކުމެގެން ދާކަށް...! އެއީ ޝަރުޢީ ގޮތުންވެސް އަހަންނަށް ކުރެވޭނެ ކަމެއް ނޫން...! ކޮންމެ ޙާލެއްގައިވެސް އަހަރެން ކިޔަމަންތެރިކަމާއެކު އަންބެއްގެ ވާޖިބު އަދާކުރާނަން...! މިއަށްވުރެ އުނދަގޫ ދުވަސްތަކެއް އަހަރެން މި ކަޑަތުކުރީ...! އެތައް ހިތާމައަކާއި، އެތައް އަނިޔާއެއްވެސް ލިބުނު...! އެކަމަކު ޗުއްޕުވެސް އަހަރެން ނުބުނަން...! އަހަރެން މަންމައާއި ބައްޕަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތާއި އެއްގޮތަށް އޭރުވެސް އަހަރެން ބަލަމުން ގެންދިޔައީ އަހަރެންގެ ދިރުޅުން ކުރިއަށް ގެންދެވޭތޯ...! ދެވަނަ ފަހަރަށް މިފްޒާލް އާ ކައިވެނިކުރީވެސް ތި މަންމަގެ އެދުމުގެ މަތިން ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް..! އެކަމަކު އެކަންވެސް ކާމިޔާބުނުވެ ދިޔައީ ހަމަ ފެނަށް...! އެއީ އެއްގޮތަކަށްވެސް އަހަރެން އުއްމީދު ކުރިގޮތެއް ނޫން...! މިފްޒާލްގެ ސަބަބުން އަހަރެން ޒުވާންދުވަސްތައް މި ދިޔައީ ބޭކާރުވެގެން..!" މިފްޒާލްގެ މަންމައާއި ދިމާއަށް ބަލަން އިނދެ އަންޖަލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ތިހެން ނުބުނޭ ދަރިފުޅާ...! އިރާދަކުރެއްވިޔާ މިހާރު ދަރިފުޅުގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެއް...! މި މަންމަ ރެޔާ ދުވާލު ކުރަމުން މިގެންދާ ދުޢާ މާތް ﷲ އިޖާބަ ކުރައްވައިފި...! ދަރިފުޅަކަށް އަދި ނޭނގިދާނެ...! އެކަމަކު ކޮންމެ ރެޔަކު މިފްޒާލް، މަންމަގެ ގާތުގައި ދަރިފުޅަށް ވިސްނައިދޭން އާދޭސްކުރޭ...! މިފްޒާލްގެ ލޮލުން ކޮންމެ ރެޔަކު މިހާރު، އެ އޮހެރޭ ކަރުނަތަކަކީ ތެދުވެރިކަމުގެ ކަރުނަތައްކަން މަންމައަށް ވަރަށް ޔަޤީން...! މަންމަ އަދޭސްކޮށްފައި ބުނަން ދަރިފުޅުގެ ތި ނިންމުން ބަދަލުކުރޭ...! މި ގެއަށް އުފާވެރިކަން ގެނެސް ދިނުން އޮތީ ދަރިފުޅުގެ އަތްމަތީގައި...! ދުވަސްގަނޑަކަށްފަހު މި ގެއަށް އަންނަން އުޅޭ އުފާވެރިކަން އޭގެ އެންމެފުރިހަމަ ގޮތުގައި މިގެއަށް ގެނެސްދީ...! މަންމަ ދަރިފުޅުގެ ދެފައިގައި ހިފާ އާދޭސް ކުރަން...!" މިފްޒާލްގެ މަންމަ އަންޖަލްގެ ދެފައި ކައިރިއަށް ތިރިއަށް ގުދުވަމުން ބުންޏެވެ.
"މަންމާ...! ކީއްތިކުރަނީ...؟" އަންޖަލް ކުއްލިއަކަށް ސިހިފައި ދެފައި އެތެރެއަށް ގޮނޑީގެ ދަށަށް ކޮށްފާލުމަށްފަހު މިފްޒާލްގެ މަންމަގެ ކޮނޑުގައި ހިފާ މައްޗަށް ނަގަމުން ބުންޏެވެ.
އަންޖަލް، މިފްޒާލްގެ މަންމަ ނެގިއިރު މަންމަ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އެވަގުތު އަންޖަލްގެ ހިތަށްވެސް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.
"މަންމާ..! ހެޔޮނުވާނެ ތިހެން ކަންތައް ނުކުރޭ...! އަހަރެން ބުނެފީމެއްނު މިކަމުގައި މިހާރު ގޮތެއް ނިންމުމުގެ ބާރެއް އަހަންކަށްނެތޭ...! ހުރިހާ ކަމެއް ނިންމާނީ އަހަރެންގެ މަންމައާއި ބައްޕައޭ...!" އަންޖަލް، މިފްޒާލްގެ މަންމަ ނަގާ ގޮނޑީގައި ބޭންދުމަށްފަހު މަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއެވެ.
"ދަރިފުޅުގެ މަންމަގެ ނަމްބަރު ދީ...! މަންމަ ބޭނުން ދަރިފުޅުގެ މަންމައަށް ގުޅާފައި އާދޭސްކުރަން...! އެއީވެސް މަންމައެއް...! މަންމައެއްގެ ހިތުގެ އާދޭސް އެ މަންމައަށްވެސް އިޙްސާސް ކުރެވޭނެ...! މަންމައަށް ޔަޤީން ދަރިފުޅުގެ މަންމައަކީ އެހާ ހިތްހަރު މީހަކަށް ނުވާނެކަން...! ދަރިފުޅުގެ މަންމައަށް މި މަންމަގެ އިޙްސާސްތައް އެނގޭނެ..!" އޭރުވެސް މިފްޒާލްގެ މަންމަގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
ކުއްލިއަކަށް ފަހަތުގައި މީހަކު ހުރިހެން އިޙްސާސް ވެގެން އަންޖަލްއަށްވެސް އަދި މިފްޒާލްގެ މަންމައަށްވެސް ބަލާލެވުނީ ފަހަތަށެވެ. އޭރު އެމީހުންގެ ފަހަތުގައި މިފްޒާލް ހުއްޓެވެ. މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި މިފްޒާލްގެ ލޮލުންވެސް ކަރުނަތައް ފައިބަމުން ދިޔައެވެ.
"ދަރިފުޅު ކޮންއިރަކު އައީ...! އާދޭ އަވަހަށް ސައިބޯން..." މިފްޒާލްގެ މަންމަ މޫނު ފޮހެލަމުން މިފްޒާލް އާ ވާހަކަ ދެއްކިއެވެ.
"އިރުކޮޅެއްވެއްޖެ މިތާހުންނަތާ...!" މިފްޒާލް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު މަންމަގެ ސުވާލަށް ޖަވާބު ދިނެވެ.
މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު އަންޖަލް ސައިތަށި ބުއި މަގު ހިފައިގެން ތެދުވެގެން ދިޔައީ ސިންކު ކައިރިއަށެވެ. އަދި އެމަގު ދޮވެލުމަށްފަހު ތަށިތައް ބަހައްޓާ ހަރުގައި ބެހެއްޓުމަށްފަހު މިފްޒާލްގެ މަގު ނަގައިގެން އައިސް ސައިތައްޓެއް ހެދުމަށްފަހު މިފްޒާލްގެ ކުރިމަތީގައި ބެހެއްޓިއެވެ. މިފްޒާލް އޭރު އިނީ މޭޒުދޮށުގައި އިށީނދެއެވެ.
"ދަރިފުޅުދޭ ކޮޓަރިއަށް ކުޑަކޮށް އަރާމު ކޮށްލަން...! މި ދުވަސްކޮޅު ގިނައިން އަރާމު ކުރަންވާނެ... މެންދުރަށް ކެއްކުމުގެ ކަންތައް މަންމަ ހަމަޖައްސާލާނަން...! އެންމެ ތިންމީހުން އުޅޭއިރު ކައްކަންޖެހޭ އެއްޗިހި މާގިނައެއް ނުވާނެއެއްނު...!" އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލްގެ މަންމަ ބުންޏެވެ.
"މަންމަ، އަންޖަލް އާ ވާހަކަ ދައްކާލައިފިންތަ...؟" އަންޖަލް ގޮސް ކޮޓަރިއަށް ވަނުމާއެކު އިސްދަށަށް ޖަހައިގެން އިން މިފްޒާލް، އޭނާގެ މަންމައާ ސުވާލުކޮށްލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 ނޮވެމްބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް