ނޭޝަންސް ލީގު: ބޮސްނިއާ ކޮޅަށް ޖަރުމަނުން 7 ލަނޑު ޖަހައި، ރެކޯޑެއް ހަދައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބޮސްނިއާ އާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު، ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފިއެވެ. މި މެޗު ޖަރުމަނުން ކާމިޔާބު ކުރީ 7-0 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު މި ...

17 Nov 2024 | 05:05

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބޮސްނިއާ އާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު، ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފިއެވެ.

މި މެޗު ޖަރުމަނުން ކާމިޔާބު ކުރީ 7-0 ގެ ނަތީޖާއަކުންނެވެ.

ޖަރުމަނުގައި ކުޅުނު މި މެޗު ޖަރުމަން ކާމިޔާބު ކޮށްފައިވާއިރު މިއީ ޔޫއެފާ ނޭޝަންސް ލީގުގެ ހަ އަހަރުވީ ތާރީޚުގައި މިހާ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މި މެޗުން ބޮސްނިއާ ބަލިވުމާއެކު އެ ޓީމު ވަނީ ނޭޝަންސް ލީގުގެ ދެވަނަ ޓަޔަރ އަށް ރެލިގޭޓް ވެފައެވެ.

ޖަރުމަނުން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ ދެވަނަ މިނިޓުގައި ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 21 މިނިޓު ފަހުން ޓިމް ކްލެއިންޑިއެންސްޓް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ކައި ހަވާޓްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ފްލޯރިއަން ވިޓްޒް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން އޭނާވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޖަރުމަނުން ޖެހި ހަވަނަ ލަނޑު ޓިމް ކްލެއިންޑިއެންސްޓް ކާމިޔާބުކޮށްދިން އިރު ލެރޯއި ސާނޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ނަން މެޗުގެ ސްކޯ ޝީޓަށް އަރުވާފަ އެވެ.

މި މެޗުގައި ޖަރުމަނުން ޖެހި 7 ލަނޑާއެކު އެ ޓީމުން ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 14 ލަނޑު ޖަހާފަ އެވެ.

ޖަރުމަނުން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގު އޭގެ ގްރޫޕު ތިނެއްގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މި ގްރޫޕުގެ ދެވަނަ މަގާމުގައި އޮތް ނެދަލޭންޑްސް އަށް ލިބިފައިވަނީ ފަސް މެޗުން 8 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް