ޔޫއެފާ ނޭޝަންސް ލީގުގައި ހަންގޭރީ އާއި ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗު ނެދަލެންޑްސް އިން ކާމިޔާބުކުރީ0-4 ގެ ނަތީޖާއިން ހަންގޭރީ ބަލިކޮށްގެންނެވެ.
މި މެޗު ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަންގޭރީގެ ބެންޗުގައި ހުރި އެޓީމުގެ އެސިސްޓެންޓް ކޯޗު އެޑަމް ސަލާއީ ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން މެޗު ވަނީ މެދުކަނޑާލައިފައެވެ. އަދި ސަލާއީއަށް ދަނޑުމަތީގައި ވަނީ ފަރުވާވެސް ދީފައިއެވެ.
މެޗަށްފަހު ހަންގޭރީގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލާއީ އަށް ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އަދި އޭނާގެ ހާލަތު މިހާރު ރަގަޅު ކަމަށެވެ.
ސަލާއީ އަކީ ހަންގޭރީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ހަންގޭރީގެ ގައުމީ ޓީމަށް ކުޅުންހުއްޓާލީ 2023 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ ފެނިގެން ދިޔައީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. މިހާރު އޭނާގެ އުމުރަކީ 36 އަހަރެވެ.
ދިހަ މިނިޓަށް މެޗުގެ ކުޅުން ހުއްޓާލުމަށްފަހު އަލުން ކުޅުން ފެށި މި މެޗުގެ 21 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ވައުޓް ވެގްހޮސްޓް ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނެދަލޭންޑްސް އަށް ރެފްރީ ދިން ދެވަނަ ޕެނަލްޓީ އާއިއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން އެ ޓީމުން ނިންމާލާފައިވަނީ 2-0 ގެ ލީޑަކާއެކުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯޑީ ގެކްޕޯ އެވެ.
ނެދަލޭންޑްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރައިސް ކާމިޔާބުކޮށްދިން އިރު ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓިއުން ކޫޕްމެއިނާސް އެވެ.
މި މެޗުން ނެދަލޭންޑްސް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 8 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ.
ހަންގޭރީއަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު ކުރިއަށް އެ ޓީމު އެއް މެޗު ކުޅެން އޮތް ނަމަވެސް ހަންގޭރީ އޮތީ މައިނަސް ހަތް ގޯލުގެ ތަފާތަކާއެކުގަ އެވެ. ގްރޫޕުގެ ފުލުގައި އޮތް ބޮސްނިއާ އަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް