ނޭޝަންސް ލީގު: ވޭލްސް އާއި އެއްވަރުކޮށް ތުރުކީ ކުއާޓަރ ފައިނަލަށް

ޔޫއެފާ ނޭޝަންސް ލީގުގައި ވޭލްސް އާއި ދެކޮޅަށް ތުރުކީ ރޭ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ. ތުރުކީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުވެސް ވާދަވެރި ކުޅުމެއް ފ...

17 Nov 2024 | 04:44

ޔޫއެފާ ނޭޝަންސް ލީގުގައި ވޭލްސް އާއި ދެކޮޅަށް ތުރުކީ ރޭ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ.

ތުރުކީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވޭލްސްގެ ހެރީ ވިލްސަން ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ތުރުކީ އެނެސް އުނާލް އަށް ލިބުނު ފުރުސަތު އޭނާ ނަގާލާފައިވާއިރު މެޗުގެ ފަހު މިނިޓުގައި ރެފްރީ ވަނީ ތުރުކީއަށް ޕެނަލްޓީ އެއް ދީފަ އެވެ. ނަމަވެސް މި މުބާރާތުގައި ތުރުކީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކެރެމް އަކްތޫރްކޮގްލޫ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ތުރުކީ އަށް ވަނީ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. އަދި އެ ޓީމު ވަނީ ނޭޝަންސް ލީގުގެ އޭ ކެޓަގަރީއަށް ކޮލިފައިވެފަ އެވެ. ވޭލްސް އަށް މި މެޗުން ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ 9 ޕޮއިންޓާއެކު ދެވަނަ މަގާމު ލިބިފަ އެވެ.

އެހެންކަމުން ގްރޫޕުގެ ފަހު މެޗުގައި މި ހަފްތާގައި ވޭލްސް އަމިއްލަ ގައުމުގައި އައިސްލޭންޑާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ތުރުކީ މޮންޓެނޭގްރޯ އަތުން ބަލިވެއްޖެނަމަ އެ ޓީމަށް ގްރޫޕުގެ އެއްވަނަ މަގާމު ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް