ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކަށް ދަންމަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައިކުރެއްވުމަށްފަހު ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑަކީ ދިވެއްސެއް، އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް، ފުރަތަމަޔަށް، އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް" ރައީސް ވިދާޅުވިއެވެ.
އެ މައުލޫގައި ވިދާޅުވީ އެމަނިކުފާނު ޤައުމުތަކާ ރަޙްމަތްތެރިވާނެ ކަމަށާއި ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށެވެ. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނެ ކަމަށާއި އެކަމަކު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަންމަވާނެ ކަމުގައި ގަދަކޮށް ވިދާޅުވިއެވެ.
"އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނަ ރަތް ރޮނގެއް، އަދި އޮންނަންވާނެވެސް ރޮނގެއް، އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ، ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ، އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ، އެ އިޙްތިރާމު ލިބެންޖެހޭނެ" ރައީސް ފާހަގަކުރެއްވިއެވެ.
އެ ރޮނގު ހުރަސްކުރިޔަ ނުދެއްވާނެކަން ފާހަގަކޮށް ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އެ ޙައްޤު ނިގުޅައިގަންނަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށާއި ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ.
"އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން" ރައީސް ވިދާޅުވިއެވެ.
އެ މައުލޫގައި ރައީސް އިތުރަށް ވިދާޅުވީ ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެމަނިކުފާނަށް ނެތްކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް