ފުށި ދިއްގަރު ފަޅާހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ މިއަދު އަލަށް އެކުލަވާލެވިގެންދާ ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރުން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސްކަމުގެ ހުވާ ކުރައްވައި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާޢީ މައްސަލަތައް ނިކުންނަކަމަށެވެ. ދީނީ، އަޚްލާޤީ މައްސަލަތައް އުފަންވާކަމަށެވެ. ހަމަ އެހެންމެ، ޞިއްޙީ އެތައް ގެއްލުންތަކަކަށް ރައްޔިތުން ހުށަހެޅޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި، އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން، އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ" ރައީސް މުއިއްޒު ވިދާޅުވިއވެ.
ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ފަށާ އާ ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެ ވިސްނުމުގެ ތެރެއިން ކަމަށާއި އެއީ ސަރަހައްދީ ތަރައްޤީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއް ކަމަށެވެ. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެކަން ފާހަގަކުރެއްވިއެވެ.
"މިކަމުގައި ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް އަޅުގަނޑުމެންނާ ހިއްސާ ކުރެއްވުމަށް އެކަމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނަން، ރާއްޖޭގެ ޢިލްމީ އެކި ދާއިރާތަކާއި، ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ ޢިލްމީ ދިރާސާތަކާއި ތަޖުރިބާއިން މިކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދެން، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެކަމަށް ފުރުޞަތު ހުޅުވައިލެވޭނެ، ބޭނުމަކީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރުން، ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުން" ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް، ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ޤާއިމުކުރެވޭނެކަމަށާއި ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، ހަތް އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ ހަތް ބިނާވެށްޓެއް، ރާއްޖޭގެ ހަތް ސަރަހައްދެއްގައި ފައްކާކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް