މިއަދު ގައުމުގެ ވެރިކަމާއި ހަވާލުވާއިރު ކުރިމަތި ލަނީ ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަންޏާއި ކަމަށާއި އެހެން ނަމަވެސް ހަރުދަނާ ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައި ގައުމާ މުހާތަބުކޮށް ދެއްވި ތަގުރީރުގައެވެ.
"ވަރަށް އިތުބާރާއެކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި، އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް، މި ދަންނަވާ ވަޅުގަނޑަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު، މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކުޖުމުލަ
119 ބިލިއަން ރުފިޔާއަށް އަރާފައި" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏެވެ. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި ނިކަން ހަރުދަނާ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނެކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި ކަމަށާއި ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައި ކަމަށެވެ.
"އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވާނަން، އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ، މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ، މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރާނަން" ރައީސް ވިދާޅުވިއެވެ.
އިގްތިސާދާއި ގުޅުވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން ކަމަށާއި ދިވެހި ބިމުގެ ރަންފަރުބަދަތަކަކީ، ޖަވާހިރުތަކަކީ ރީތި ހިމުން ދޮންވެލީގެ ތުނޑިތައް ކަމަށެވެ. ހިތްގައިމު މޫދުތައް ކަމަށެވެ. ފަތުރުވެރިކަން ބިނާވެފައި ވަނީ، މި ވަސީލަތްތަކުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ، ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށާއި ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރައްވާނެ ކަމާއި ހަމަ އެހެންމެ، އެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށްޓަކައި ގެދޮރުވެރިކަން ފަދަ، ދިރިއުޅުމުގެ ލުއިފަސޭހަތައް ފަހިކޮށްދޭނެކަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް