ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން ހިނދަށް ނިމުނީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވައި ދެއްވި ތަގުރީރުގައެވެ.
"އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އޭގެ މާނައަކީ ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން ކަމަށެވެ.
"އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ." ވަރަށް އިތުބާރާއި ޔަގީންކަމާއެކު ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރާކަމަށާއި އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ.
"އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން ކަމަށާއި ޢިލްމާއި ހުނަރު، އަޚްލާޤާއި ދީން، އުޅުންތެރިކަމާއި މަސައްކަތްތެރިކަން، މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން، ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނައުން ހިމެނޭހެން އެމަނިކުފާނު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ މި ދެ އަސާސުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް