ނައިބުރައީސް ފައިސަލް ނަސީމްގެ ވަދާއީ މެސެޖު: ދިވެހި ރައްޔިތުންނަށް ލޯތްބާއި އިހްތިރާމް

މިއަދު ނިމިގެންމިދާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވަދާއީ މެސެޖެއް ދެއްވައިފިއެވެ. އެ މެސެޖުގައި ފައިސަލް ވިދާޅުވެފައިވަނީ މިއަދު ނިމިގެންމިދާ ރިޔާސީ ދައުރުގައި ލޮބުވެ...

17 Nov 2023 | 09:33

މިއަދު ނިމިގެންމިދާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވަދާއީ މެސެޖެއް ދެއްވައިފިއެވެ.

އެ މެސެޖުގައި ފައިސަލް ވިދާޅުވެފައިވަނީ މިއަދު ނިމިގެންމިދާ ރިޔާސީ ދައުރުގައި ލޮބުވެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު މިންވަރު ކުރެއްވިކަމަށްޓަކައި ނިއުމަތްތަކުގެ ވެރި މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ހަމްދާއި ޝުކުރު ކުރާކަމަށާއި އަދި މި މަގާމުގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާއަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށްޓަކައި ވަރަށް އިހްލާސްތެރި ކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށެވެ.

"އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތް ރަހްމަތްތެރި ކަމަށްޓަކައި ނުހަނު އިހްތިރާމާއި ލޯތްބާއެކު ޝުކުރު ދަންނަވަން" ފައިސަލް ވިދާޅުވެފައިވެއެވެ.

ފައިސަލްގެ މެސެޖުގައި ވިދާޅުވެފައިވަނީ މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މާތްﷲ ގެ ވާގިފުޅާއެކު އޭނާ މަސައްކަތްކޮށްފައިވާނީ އޭނާ ކުރި ހުވައިގައި ސާބިތުވެހުރެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާ އަމާނާތްތެރި ކަމާއެކު އަދާކުރުމަށް ކަމަށާއި އަމާޒަކަށް ހެދީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިހްލާސްތެރި ކަމާއެކު ހިދުމަތް ދިނުމަށްކަމަށެވެ.

"ދިވެހި ރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ދިވެހި ގައުމު މިއަދު އަނެއްކާވެސް އަލިވިލިގެން މިދަނީ ރާއްޖޭގެ ދުސްތޫރީ ތާރީހުން މުޅިން އާ ދައުރަކަށް

މިއަދު މި ފެށޭ ރިޔާސީ އާ ދައުރަކީ ދިވެހި އުންމަތަށް ހުރިހާ ގޮތަކުންވެސް ތަރައްގީއާއި ކުރިއެރުން ގެނެސްދޭނޭ ދައުރަކަށް ވާނޭ ކަމުގައި އަޅުގަނޑު އުންމީދުކުރަން" ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވެއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފަށް އަދި އެބޭފުޅުންގެ ސަރުކާރަށާއި ދިވެހިރައްޔިތުންނަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުމަށްއެދި މާތް ﷲގެ ހަޒްރަތުގައި ދުއާ ދަންނަވާކަމަށާއި ދިވެހި ގައުމާއި ދިވެހިން ތާ އަބަދަށް މިނިވަންކަމާއި ފާގަތި ކަމުގައި ﷲ ސުބްހާނަހޫ ވަތައާލާއަށް ދުއާ ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް