ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މުސްތަޤްބަލަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ރައީސް ވަނީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.
ރަނިލް ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް