މިއަންމާގެ ޖަލުތަކުގައި ތިބި 6،000 ސިޔާސީ ކުށްވެރިން މިނިވަން ކުރަން އެ ގައުމުގެ އަސްކަރީ ސަރުކާރުން ނިންމައިފި އެވެ.
މި އެންމެންނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގެ ޑިމޮކްރެޓިކް ވެރިކަން ބަގާވާތަކުން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ވެރިކަން ކުރަން ފެށި ފަހުން ހައްޔަރު ކުރި މީހުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިއަންމާގައި ބަގާވާތް ކުރި ފަހުން މިހާތަނަށް 16،000 މީހުން ސިޔާސީ ކުށްވެރިންގެ ގޮތުގައި ހައްޔަރުކޮށްފައިވެ އެވެ.
މިއަންމާ ސަރުކާރު ހިންގާ، އަސްކަރިއްޔާއިން ބުނީ އެމީހުން މިނިވަން ކުރީ ގައުމީ ދުވަހުގެ މުނާސަބަތުގައި ކަމަށެވެ. އެ ގައުމުގެ ގައުމީ ދުވަހަކީ މިއަދެވެ.
މިނިވަން ކުރަން ނިންމާފައިވާ މީހުންގެ ތެރޭގައި އެގައުމަށް އިނގިރޭސިވިލާތުން ކުރިން ކަނޑައަޅާފައި ހުރި އެމްބެސެޑަރު ވިކީ ބޯމަން އާއި ޖަޕާނުގެ ފިލްމު އުފައްދާ މީހެއްގެ އިތުރުން އެ ގައުމުގެ ކުރީގެ ލީޑަރު އަން ސަން ސޫޗީގެ އެޑްވައިޒަރަކަށް ހުރި އޮސްޓްރޭލިއާ މީހަކު ހިމެނެ އެވެ.
މީގެ ތެރެއިން ވިކީ ހައްޔަރު ކުރީ މިއަންމާގައި އޭނާގެ ދިރިއުޅުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ތެރޭގައި އުޅެނިކޮށް ދިރިއުޅޭ ތަން އިމިގްރޭޝަނަށް ނާންގާކަމަށް ބުނެ އެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެއީ ސިޔާސީ ކުށްވެރިއެކެވެ. އެގޮތަށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައި ތިބި މައިގަނޑު ސަބަބަކީ އަސްކަރީ ސަރުކާރާއި ދެކޮޅުވުން ކަމަށްވެ އެވެ.
ސޫޗީގެ އެޑްވައިޒަރު ހައްޔަރު ކުރީ މިދިޔަ އަހަރު ވެރިކަން ވައްޓާލި މަހު އެވެ. އޭނާ ހައްޔަރު ކުރީ އޮފިޝަލް ސީކްރެޓް އެކްޓުގެ ދަށުން ކަމަށްބުނެ އެވެ. އެހެންވެ ހައްޔަރު ކުރި ސަބަބު ސާފުވެފައި ނުވާއިރު ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
މިއަންމާ އަސްކަރިއްޔާގެ ކޯޓެއް ކަމަށްވާ "ކްލޯސްޑް މިލިޓަރީ ކޯޓު" އިން ހިންގި ޝަރީއަތްތަކަކަށް ފަހު ސޫޗީއަށްވެސް މިހާރު ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި އެވެ. އަދިވެސް ކުރިޔަށް އޭނާ އާއި ދެކޮޅަށް މައްސަލަތަކެއްގައި ދައުވާ ކުރަން ހަމަޖެހިފައިވާތީ ޖަލު ހުކުމުގެ މުއްދަތު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ސޫޗީގެ ސަރުކާރު، ބަޣާވާތަކުން އަސްކަރިއްޔާއިން ވައްޓާލީ 2020 ވަނަ އަހަރުގެ ނޮވެމްބަރު ބޭއްވި މިއަންމާގެ އާންމު އިންތިހާބުގައި ސޫޗީ މަކަރު ހެއްދެވި ކަމަށް ބުނެ އެވެ. އެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރީ ސޫޗީގެ ޕާޓީ، އެންއެލްޑީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް