މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ހަރުކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯސްޓަރ ނަގައިފިއެވެ.
މަޝްހޫރު ޓީވީ ހޯސްޓް ޕިއަސް މޯގަން އަށް ރޮނާލްޑޯ ދިން އެކްސްލޫސިވް އިންޓަވިއުއަކަށް ފަހު ޔުނައިޓެޑުގެ ހޯމް ގްރައުންޑުގައި މަސައްކަތްކުރާ ބަޔަކު ވަނީ ރޮނާލްޑޯ އާއި އެ ކުލަބުގެ ކުރީގެ ލެޖެންޑް ޑޭވިޑް ބެކަމް ވެސް ހިމެނޭ ބޮޑު ޕޯސްޓަރު ނަގާފައެވެ. އަދި މި ޕޯސްޓަރު ނަގަމުން ދިޔަ މަސްޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ގެ މި ޕޯސްޓަރ ނެގީ ޔުނައިޓެޑާއި ޔުނައިޓެޑުގެ އިސްވެރިންގެ އިތުރުން ކުލަބުގެ ކުޅުންތެރިންގެ އަގުވެއްޓޭ ގޮތައް ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ދިން އިންޓަވިއުއާއި ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ރޮނާލްޑޯއާއި މެދު އިތުރު ފިޔަވަޅުތަކެއް ވެސް އެޅުމަށް ޔުނައިޓެޑުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މަޝްހޫރު ޓީވީ ހޯސްޓް ޕިއަސް މޯގަން އަށް ރޮނާލްޑޯ އިންޓަވިއުގައި ބުނެފައިވަނީ ޔުނައިޓެޑުން އޭނާ އަށް އޮޅުވާލާފައި ވާ ކަމަށާއި ޔުނައިޓެޑުން އޭނާ ބޭރުކުރަން މަސައްކަތްކުރާ ބަޔަކު ވެސް އެބަތިބި ކަމަށެވެ.
ޔުނައިޓެޑްގެ މައި ހިއްސާދާރުން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާއާ ގުޅޭގޮތުން މި އިންޓަވިއުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ކުޅިވަރުގެ ނަޒަރަކުން ބަލާއިރު، ގްލޭޒާ އާއިލާ އިން ޔުނައިޓަޑަށް މާ ބޮޑު އަޅާލުމެއް ނުބަހައްޓާ ކަމަށާއި ގްލެޒާ އާއިލާއިން މަސައްކަތް ކުރަމުން އަންނަނީ ކުލަބު މާކެޓް ކޮށްގެން ފައިސާ ހޯދަން ކަމަށެވެ.
އަދި މިވަގުތު ޔުނައިޓެޑް އޮތް ހާލަތައް ބަލާއިރު، އެ ކުލަބު އޮތީ ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި ވެސް އެންމެ މަތީ ފަންތީގައި ވާދަކުރެވޭފަދަ ހާލަތެއްގައި ނޫންކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
އަދި މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އޭނާއާ އެކު ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ވޭން ރޫނީ އާއި ގެރީ ނެވިލް އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތުގެ ރާގަކުން ބަސްތައް ރައްދުކޮށްފައެވެ. ރޮނާލްޑޯ ބުނީ އެ ދެ މީހުން އޭނާ އަށް ފާޑުކިޔަނީ ކީއްވެކަމެއް ނޭންގޭ ކަމަށާއި ފަހަރެއްގައި އޭނާ އަދިވެސް އެންމެ ޓޮޕް ލެވެލްގައި ކުޅޭތީ އެކަމަށް ހަޖަމް ނުވެގެން ފާޑުކިޔަނީ ކަމަށްވެސް ވެދާނެ ކަމަށެވެ.
ރޮނާލްޑޯ ވަނީ މި އިންޓަވިއުގައި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގާއި ގުޅޭ ގޮތުން ވެސް ވާހަދައްކާފައެވެ. ރޮނާލްޑޯ ބުނީ ޓެން ހާގް އަކީ މީޑިއާގައި ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އަޑިން ވަރަށް ނުބައި ރޯލެއް ކުޅޭ ކޯޗެއް ކަމަށާއި، ޓެން ހާގް އެއްގޮތަކަށް ވެސް އޭނާއަށް އިޙުތިރާމެއް ނުބަހައްޓާކަމަށް ވަނީ ބުނެފައެވެ. ރޮނާލްޑޯ އިތުރަށް ބުނީ ޓެން ހާގް އޭނާއާއި މެދު އިހުތިރާމެއް ނުބަހައްޓާތީ އޭނާ ވެސް ޓެން ހާގަށް އިޙުތިރާމު ނުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް