އިނގިރޭސިވިލާތުގެ އަންހެނަކު އޮންލައިން ފޯރަމެއްގައި ކުރި ޝަކުވާއަކާއި ގުޅިގެން ހޫނުފެނަށް ވެއްޓިއްޖެއެވެ.
އެ އަންހެންމީހާގެ ނަން ނުހިމަނައި ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އޮންލައިން ފޯރަމެއްކަމުގައިވާ މަމްސްނެޓްގައި އެ އަންހެންމީހާ ޝަކުވާކޮށްފައިވަނީ އޭނާގެ ފިރިމީހާއަށް ރާއްޖެ ދަތުރެއް ދޭންޖެހިގެން އެކަމާއެވެ.
އެ އަންހެންމީހާ ބުނެފައިވަނީ އޭނާގެ 40 ވަނަ އުފަންދުވަސް ފާހަގަކުރަން އޭނާގެ ފިރިމީހާ އޭނާ ގޮވައިގެން ރާއްޖެ އައިސް ލަގްޒަރީ ރިސޯޓެއްގައި ވަގުތު ހޭދަކުރިކަމަށާއި ފިރިމީހާގެ 50 ވަނަ އުފަންދުވަހަށް ފިރިމީހާ ރާއްޖެ ދަތުރަކަށް ޑިމާންޑުކުރަމުން އަންނަ ކަމަށެވެ. މަމްސްނެޓްގައި އޭނާ އަހާފައި އޮތީ އެއީ އިންސާފުވެރި ގޮތެއްތޯ؟ އާއި ފިރިމީހާ ލޯބިން ކޮށްދޭ މިފަދަ ކަންކަމަށް ބަދަލު ދޭންޖެހޭނެތޯ؟ އެވެ.
އޭނާ އެ ފޯރަމްގައި ލިޔެފައިވާގޮތުގައި އޭނާއަށް އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބެނީ ގާތްގަނޑަކަށް 88 ހާސް ޑޮލަރެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 7300 ޑޮލަރެވެ. އަދި އޭނާގެ ފިރިމީހާއަށް އޭނާއަށް ލިބޭ އަދަދުގެ ތިންގުނަ (ގާތްގަނޑަކަށް އަހަރަކު 240،000 ޑޮލަރު) ލިބޭ ކަމަށް ބުނެފައިވެއެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 20 ހާސް ޑޮލަރެވެ.
އެ އަންހެންމީހާ މި ހުރިހާ މައުލޫމާތަކު މަމްސްނެޓްގައި ލިޔުމުން އެ އަންހެންމީހާއަށް އެކަމުގައި ހިޔާލެއް ދިނުމުގެ ބަދަލުގައި ގިނަ މީހުން ވަނީ ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔާފައެވެ.
އެގޮތުން މަމްސްނެޓުގައި އަނގައާއި އަތާއި ދިމާނުވާ މައިންނާއި ދިރިއުޅުމުގައި ދިމާވާ ހިތްދަތި ގޮންޖެހުންތަކެއްގެ ވާހަކަ ދައްކާ، އެފަދަ ކަންކަމުގައި މަޝްވަރާ ކުރެވި ހިޔާލު ބަދަލުކުރެވޭ ފޯރަމެއްގައި ލައްކައިން ޑޮލަރުގެ ވާހަކަ ދެއްކުމަކީ ބޮޑާ ކަމާއި ފޮނިކަމާއި ކިބުރުވެރިކަން ހާމަކުރުން ކަމަށްބުނެ އެ އަންހެންމީހާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
އަދި އެ އަންހެންމީހާގެ އެ ޕޯސްޓަކީ ހިޔާލާއި މަޝްވަރާ ހޯދުމުގެ ބަދަލުގައި އޭނާއާއި އޭނާގެ ފިރިމީހާއަށް، އެ ފޯރަމްގައި އުޅޭ ގިނަ މީހުންނަށްވުރެ ގިނައިން ފައިސާ ލިބޭކަން ދެއްކުމަށް ކޮށްފައިވާ ޕޯސްޓެއް ކަމަށްބުނެވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
މަމްސްނެޓަކީ ރާއްޖޭގައި ހިންގާ މަމްސް އެމްވީ ޖަމިއްޔާ ފަދަ ފޯރަމެކެވެ. އެ ފޯރަމްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވެނީ ދިރިއުޅުމުގައި އަންހެނުންނަށް (ހާއްސަގޮތެއްގައި ދަރިން ބަލާ މައިންނަށް) ދިމާވާ ގޮންޖެހުންތަކާއިމެދުގައެވެ. އެހީތެރިކަން ބޭނުންވާ މައިންނަށް ފަންޑްރެއިޒްކުރުންފަދަ ކަންކަމުން އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެފަދަ ފޯރަމްތަކުގެ މަގްސަދަކަށް އޮންނަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް