ޕާކިންގ ޒޯނެއްގައި އުޅަނދެއް ޕާކް ކޮށްފައި ބޭއްވޭނީ ގިނަވެގެން ހަފްތާއެއް ވަންދެން ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން އިއުލާނުކުރި އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާއިދުގައިވާގޮތުން އެެއްގަމު އުޅަނދެއް ޕާކުކޮށްފައި އޮންނަތާ ގިނަވެގެން ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެފަދަ އުޅަނދެއް އެތަނަކުން ނަގައި ކަނޑައެޅިފައިވާ ތަނަކަށް ގެންދިއުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެ އެވެ.
އެހެންނަމަވެސް މިޤަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ އުޅަނދުތައް އިސްތިސްނާ ވެގެންދާނެ އެވެ.
އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހެއް ބޭނުންކުރާ އުޅަނދެއްކަން އަންގައިދިނުމަށް މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމެއް ނުވަތަ ސްޓިކަރއެއް އެ އުޅަނދުގައި ފެންނަހެން ހަރުކޮށްފައި ހުންނަން ޖެހޭނެ އެވެ. އަދި ގިނަ ބަޔަކު ޚިދުމަތް ހޯދަން ދާންޖެހޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ފީ ނަގައިގެން ޕާކުކުރާ ތަންތަން ބެހެއްޓުމަށާއި މަދުން މީހުން ޕާކުކުރަންޖެހޭ ސަރަހައްދުތަކުގައި ހިލޭ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދިނުމަށް އެ ޤަވާއިދުގައި ބުނެފައި ވެއެވެ.
ހަމަ މިއާއެކު ވެހިކަލްތަކުގެ ސައިޒުގެ ކުޑަބޮޑުމިނާއި ބަރުދަނަށް ބަލައިގެން އެ އުޅަނދުތައް ޕާކުކުރުމަށް ގިނަވެގެން ނެގޭނީ ދެ ރުފިޔާ އާއި ފަންސާސް ރުފިޔާ އާ ދެމެދުގެ އަގެއް ކަމުގައި ހާމަކޮށްފައި ވެއެވެ.
ޕާކިންގ ޒޯނު ކަމުގައި ކަނޑައަޅާ ނިޝާން ނެތް ނަމަވެސް އެ ސަރަހައްދުތަކުގައި ޕާކްކުރުން މަނާކަމުގައި ނުވާ ނަމަ، މަގު ހިނގާ މީހުންނަށް ދަތިނުވާ ގޮތަށް އުޅަނދު ޕާކު ކުރުމުގެ ހުއްދަ އެ ޤަވައިދުން ލިބިދީފައިވެ އެވެ.
މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ޕާކު ކުރުމުން ސްޓިކަރ ޖަހާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއް އޮތް ތަނަކުން ނަގަންވާނެ އެވެ. ނަމަވެސް ދީފައިވާ ވަގުތުގެ ތެރޭގައި އުޅަނދު ނުނަގައިފިނަމަ ޓޯ ކުރުމަށްޓަކައި ފުރޮޅުގައި ތަޅު އެޅުވުމުގެ އިޚްތިޔާރު ކައުންސިލާއި ޕޮލިހަށް ލިބިދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް