ސަރުކާރަށް 3 އަހަރު - ކޮރަޕްޝަން ހުއްޓުވުމުގައި ގިނަ މަސައްކަތްތަކެއް ކުރެވި ނަތީޖާވެސް ރަނގަޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު މިއަދު ފުރޭ އިރު، ކޮރަޕްޝަން ހުއްޓުވުމުގައި ވެސް ދިވެހިރާއްޖޭން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން، ކޮރަ...

17 Nov 2021 | 08:44

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު މިއަދު ފުރޭ އިރު، ކޮރަޕްޝަން ހުއްޓުވުމުގައި ވެސް ދިވެހިރާއްޖޭން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން، ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެ 55 ދަރަޖަ މައްޗަށް ޖެހިފައިވާ އިރު، ހަފްތާއަކު އެއްފަހަރު ދައުލަތުގެ މާލީ ހިސާބު އާންމުކުރަން ފެށުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބު ޝާއިރުކުރަން ފެށުން ހިމެނެ އެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނީގެ ހިސާބުތަކުގެ ރިޕޯޓު އާންމުކުރަން ފަށާ، ބަޖެޓް ވަޔަމަންޓް މޮޑިއުލް ތަރައްގީކުރީ ވެސް ރައީސް ސޯލިހުގެ ސަރުކާރުން ނެވެ.

ހަމަމިއާއެކު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމާއެކު، ޤާނޫނީ ބާރުވެރިކަން ހޯދުމުގައި ވެސް ފާއިތުވެދިޔަ  3 އަހަރު ގިނަގުނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން 102 ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން 74 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި އެއްވެސް އާރެއް، ބާރެއް އަދި ޤަދަރެއް ނެތް ގައުމެއްގެ ގޮތުގައި އޮތް އޮތުމަށް ނިމިމެއް ގެނެސްދެއްވީ ވެސް ރައީސް ސޯލިހުގެ ފާއިތުވި 3 އަހަރުގެ ތެރޭގަ އެވެ.

އޭގެ ހެއްކަކީ އދ.ގެ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ އިންނެވުމެވެ. އަދި ދުނިޔޭގެ އެތައް ޤައުމަކާއި ގުޅުން ގާއިމްކުރުމާއި ކޮމަންވެލްތާއި ގުޅުން ގާއިމުކޮށް މިކުޑަކުޑަ ރާއްޖޭގެ ނަން އަނެއްކާ ވެސް މިވަނީ އެތައް ބައެއްގެ ކުރިމަތީ ފަޚުރުވެރިވެފަ އެވެ.

ހަމަމިއާއެކު ވަޒީފާއަދާކުރާ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭނެ އެންމެކުޑަ އުޖޫރަ ކަނޑައަޅާ، ވަޒީފާއަދާކުރާ ރައްޔިތުމީހާ އާއި ޢާއިލާއަށް ހިނިތުން ގެނުވީ ވެސް ފާއިތުވި 3 އަހަރުގެ ތެރޭގަ އެވެ.

ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ކަނޑަނޭޅުނު "އެންމެކުޑަ އުޖޫރަ" ކަނޑައަޅައި 2022 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. މިއާއެެކު ޕްރައިވެޓް ސެކްޓަރގައާއި، ރިސޯޓް މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާ އަދާކުރާ އާބާދީ ފުދުންތެރި ބަޔަކަށް ވެގެންދާނެ އެވެ.

މި ހުރިހާ ކުރިއެރުމަކާއި ކާމިޔާބީއެއްގެ އަސްލަކީ ގައުމުގެ ހުންގާނުގައި މިވަގުތުހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް