ތިން އަހަރު ތެރޭ އައި އެންމެ ބޮޑު އިމްތިހާނުން ސަރުކާރު ފާސްވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް މިއަދު ތިން އަހަރު ފުރުނު އިރު މިދިޔަ ތިން އަހަރު ތެރޭގައި ވަނީ މި ފަހުން ރާއްޖޭގެ ރައީސް ކުރި ބޭފުޅަކަށް ކުރިމަތި ނުވާފަދަ އިމްތިހާނަކާއި ކުރިމަތިލާން...

17 Nov 2021 | 08:43

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް މިއަދު ތިން އަހަރު ފުރުނު އިރު މިދިޔަ ތިން އަހަރު ތެރޭގައި ވަނީ މި ފަހުން ރާއްޖޭގެ ރައީސް ކުރި ބޭފުޅަކަށް ކުރިމަތި ނުވާފަދަ އިމްތިހާނަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ އަހަރެއްވީތަނާއި މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ހާލަތަކީ ސަރުކާރަށް ފާސްވާން ވަރަށް އުނދަގޫވި ޓެސްޓެކެވެ. އެކަމަކު މިއަދު އެ ބަލި ކޮންޓްރޯލް ކުރުމުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބަކީ ރައީސް ސޯލިހުގެ ސަރުކާރަށް އޭ ޕްލަސް ދޭންޖެހޭ ކަމެކެވެ.

އިމްޕޯޓާއި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖެ ކޯވިޑާއި ގުޅިގެން ތިން މަހަށް ބަންދު ކުރަން ޖެހި މުޅި ގައުމު ހުއްޓުމަކަށް އައެވެ. އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އާއިލާތަކަށް އާމްދަނީ ލިބެމުންދިޔަ މަގު ބަންދުވި އެވެ.

އެކަންކަމުން އަރައި ގަތުމަށް ސަރުކާރުން ކުއްލި ހާލަތުގައި ނަމަވެސް އިންތިޒާމްތައް ހަމަ ޖެއްސީ ވަރަށް ރޭވުންތެރިކަމާއި އެކު އަވަސް އަރުވައިގެން ކަންކަން ކުރުމުގެ ނިޔަތަކު ނޫނެވެ.

އެންމެ ފުރަތަމަ ކޯވިޑަށް ފަރުވާ ދޭނެ މައި ކޯވިޑް ފެސިލިޓީ ހުޅުމާލޭގައި ތައްޔާރު ކުރުމަށް ފަހު ރާއްޖޭގެ އުތުރާއި ދެކުނުގައި ހަތް ފެސިލިޓީއެއް ގާއިމްކޮށްފައި އެބަހުއްޓެވެ. އެ ފެސިލިޓީތަކުން ކޯވިޑްގެ ބަލި މީހުންނަށް ދެވޭނެ ހުރިހާ ފަރުވާއެއް އިންތިޒާމްކޮށްފައިވާއިރު އައިސީޔޫ އާއި ވެންޓިލޭޓަރުގައި ފަރުވާ ދެވެން އެބަހުއްޓެވެ.

ކޯވިޑުން ރައްކާތެރިވުމަށް އާންމުންގެ މެދުގައި އަމަލު ކުރުމަށް ސިއްހީ މާހިރުން ކަނޑައެޅި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސަރުކާރުން ފަސް ޖެހިފައެއް ނުވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުއާއި ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް ރައްކާތެރިކަމުގެ އިތުރުބާރު ބޮޑުވި އެވެ.

ކޯވިޑް ލޮކްޑައުނާއި ގުޅިގެން ކާބޯތަކެތީގެ ދަތިކަން ރައްޔިތުންނަށް ކުރިމަތި ނުވާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށް ރައީސް ސޯލިހު އެންގެވީ އެސްޓީއޯއަށެވެ. އެ ކުންފުނިން ވަނީ ކާބޯތަކެއްޗާއި ބޭސް ރައްޔިތުންނަށް ބޭނުންވާވަރަށް ދުވަހުން ދުވަހަށް މާލެއާއި އަތޮޅުތަކަށް ފޯރުކޮށްދީފަ އެވެ.

އަދި ކާބޯތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެވެ. އާންމު އަގަށްވުރެ އަގު މައްޗަށް އަރައިގެން ދިޔައީ ފިޔާ އާއި ލޮނުމެދުގެ އަގު އެކަންޏެވެ.

އާންމު ރައްޔިތުންނަށް ދިމާވި އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން މާލީ އެހީތެރިކަން އެކި ދާއިރާތަކާއި ގުޅުވައިގެން ދީފައިވެ އެވެ. އެގޮތުން ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓު އެލެވަނަސް، ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ހާއްސަ ލޯނުތައް ހިމެނެ އެވެ.

ކަރަންޓު ބިލާފައި ފެން ބިލުތަކުން ސަބްސިޑީ ދީފައިވެ އެވެ. އަދި ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރުން ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ސަރުކާރު މެދުވެރިވެގެން ފަސްކޮށްދީފަވެ އެވެ.

ރާއްޖެ ވަނީ ކޯވިޑް ވެކްސިން ހޯދުމާއި ރައްޔިތުންނަށް ވެކްސިން ދިނުމުގައިވެސް ބޮޑު ކާމިޔާބީތަކެއް ހޯދާފަ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެ ޑޯޒު 361،197 މީހުން ޖަހާފައިވެ އެވެ. އެއީ ވެކްސިން ޖެހޭ އާބާދީ ކަމަށްވާ 12 އަހަރުން މަތީގެ އާބާދީގެ 80 ޕަސެންޓެވެ.

ސަރުކާރުން ގަބޫލު ކުރާގޮތުގައި ރާއްޖެއިން ކޯވިޑް ވެކްސިންގައި ހޯދުނު ކާމިޔާބަކީ އެންމެ ފުރަތަމަ ވެކްސިން ލިބެން އޮތް މަގު ހިޔާރު ކުރުމާއި ދުނިޔޭގެ އެހެން ގައުމުތަކާއި އޮތް ގުޅުން ރަނގަޅު ކަމެވެ.

ކޯވިޑްގައި މިއަދު ރާއްޖޭގެ ހާލަތު ގޯސްވިޔަސް ދުރާލާ އަޅާފައިވާ ފިޔަވަޅުތަކާއި އެކު ކުރިޔަށް ދިއުމަކަށް ހުރަހަކަށް ނުވެ އެވެ. އެހެން ކަމުން ކޯވިޑްގެ ހާލަތުގައި ސަރުކާރުގެ މަސައްކަތަށް ސާބަސް ކިޔަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް