ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެވޭ 'ގޯލްޑް 100' އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.
'ގޯލްޑް 100' އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާޢިއުކުރާ ލިސްޓެކެވެ.
ދިވެހިރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު ބޭންކުން ވަނީ ވީހާވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
މިގޮތުން ބޭންކުން ވަނީ ފަތުުރުވެރިކަމުގެ ސިނާޔަތައް ހާއްސަކޮށް ޝޯޓް-ޓާރމް ފައިނޭންސިންގ ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންގތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އަދި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ވަނީ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ދޫކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑިންގ ހޯދާފަ އެވެ.
ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވޭތުވެދިޔަ 2020 ވަނަ އަހަރު 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.
ކްރޮސްރޯޑުގައި ރޭ ބޭއްވުނު ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރިތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްވެސް ވަނީ ހިމެނިފަ އެވެ.
ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން 'ކޯޕަރޭޓް މޯލްޑިވްސް' އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް