މި ސަރުކާރުގެ 3 އަހަރުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފި: އެމްޑީޕީ

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ. ސަރުކާރަށް...

17 Nov 2021 | 07:04

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ވެރިކަން ކުރާ މައި ޕާޓީން މިހެން ބުނީ ނެރުނު ބަޔާނެއްގަ އެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ހާސިލު ކުރައްވަމުން ގެންދާނެކަން ޔަގީން ކުރާ ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމަށް ރައްޔިތުން އެމްޑީޕީއަށް ވޯޓުދިން މައިގަނޑު ސަބަބަކީ އެ ޕާޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުންކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.

އެގޮތުން ޑިމޮކްރެސީއާއި ގާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކު ރެވިފައިވާކަމަށް ފާހަގަކޮށް، ޖުޑިޝަރީ އިސްލާހު ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވާނެ ކަމަށާއި މި ސަރުކާރުން ސިޔާސީ ހަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ކަމަށެވެ.

އެމްޑީޕީގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިޚާބު ވެވަޑައިގެންފައިވާ ކަމަށާއި މި ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނީ ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ.

އެކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އެ ޕާޓީން ވަނީ ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް