ދަނޑާއި ދަނޑުން ބޭރުގައިވެސް އަޚްލާޤީ މައްސަލަ ހުރި ނަމަ ޓީމުން ފުރުސަތު ދޭކަށް ނުޖެހޭ: ޝައިހް ޒައިދު

ދަނޑާއި ދަނޑުން ބޭރުގައިވެސް އަޚްލާޤީ މައްސަލަ ހުރިނަމަ ޓީމުން ފުރުސަތު ދޭން ނުޖެހޭ ކަމުގައި ދީނީ ޢިލްމު ވެރިޔާ އައް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ. ޒައިދު މިހެން ވިދާޅުވެފައި މިވަނީ ފޯ ނޭޝަންސް...

17 Nov 2021 | 05:33

ދަނޑާއި ދަނޑުން ބޭރުގައިވެސް އަޚްލާޤީ މައްސަލަ ހުރިނަމަ ޓީމުން ފުރުސަތު ދޭން ނުޖެހޭ ކަމުގައި ދީނީ ޢިލްމު ވެރިޔާ އައް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ފޯ ނޭޝަންސް ކަޕްގައި ސީޝެލްސް އާއި ދެކޮޅަށް ރާއްޖެ ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގައި ކުޅެން އެރި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސް ޓީމުގެ ކެޕްޓަން ސްޓީވް މެރީގެ ކަރާ ދިމާއަށް އޮޅަނބޮށިން ހަމަލާ ދީފައިވާތީ އެވެ.

އަޑުބަރޭ ސީޝެލްސްގެ ޓީމުގެ ކެޕްޓަނަށް ހަމަލާދީފައި ވަނީ ކުޅެން އެރުވިތާ ތިރީސް ސިކުންތު ވެސް ނުވަނީސް ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަތުގައި ބޯޅަވެސް ނެތި އޭނާގެ ފަހަތުން ދުވެ ގޮސް އެއްވަރު ކުރުމަށްފަހު އެވެ.

މި އަމަލާއިގުޅިގެން އޭނާއަށް ރަތް ކާޑެއް ދައްކާ ވަނީ ދަނޑުން ބާލާފަ އެވެ.

މިއީ ޤައުމީ ޓީމާއި އިއްޔެގެ މެޗު ބެލި ދިވެހިންނަށް އެވަގުތު ލިބިގެންދިޔަ ބޮޑު ސިހުމެކެވެ.

ޒައިދުގެ ޓްވީޓްގައި ވިދާޅުވީ ކުޅިވަރުގެ ރޫޚާއި ޚިލާފު، ޤައުމަށް ހުތުރު ނަން ހޯދާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމުގަ އެވެ. އަދި މިއަދު ޤައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެއްގެ އަމަލާއިމެދު ލަދުގަނެއްޖެކަމާއި މި ކަމުގައި އިހުމާލު ބޮޑު ކަމުގަ އެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެ، މި ނަތީޖާ އާއި އެކު ރާއްޖޭގެ ޤައުމީ ޓީމު ވަނީ ހިތިގޮތަކަށް ފޯ ނޭޝަންސް ކަޕް އިން އަލްވަދާޢު ކިޔާފަ އެވެ.

އަޑުބަރޭއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިއާއަށް ޤައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރުގެ ޕާސްޕޯޓު ފޮރުވި މައްސަލަ ފެންމަތިވެ، އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުން ސަސްޕެންޑު ކޮށްފައިވާ ކުޅުންތެރިއެކެވެ.

މީގެ އިތުރުން ސިޔާސީ ހަރަކާތްތަކެއްގައި ދެ ފަަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި ބޮޑެތި ޖިނާއީ ކުށްތަކެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ޖާމިނުވެ އޭނާ ރާއްޖެއިން ފުރުވާލުމުގެ މައްސަލަ ވެސް ފާހަގަ ކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް