އޮސްޓްރޭލިއާގަ ކޯވިޑް ވެކްސިނުން ސައިޑް އިފެކްޓުވި އެތައް ހާސް ބަޔަކަށް ބަދަލު ދެނީ

އޮސްޓްރޭލިއާގައި ކޯވިޑް-19 އާއި ދެކޮޅަށްދޭ ވެކްސިންތައް ޖަހައިގެން ހަޑިގަނޑަށް އަސަރު ކުރި ނުވަތަ ސައިޑް އިފެކްޓުވި މީހުންނަށް ސަރުކާރުން ބަދަލު ދޭން ނިންމައިފި އެވެ. އެ ގައުމުގެ ތެރަޕެއުޓިކް ގުޑް އެޑ...

17 Nov 2021 | 02:38

އޮސްޓްރޭލިއާގައި ކޯވިޑް-19 އާއި ދެކޮޅަށްދޭ ވެކްސިންތައް ޖަހައިގެން ހަޑިގަނޑަށް އަސަރު ކުރި ނުވަތަ ސައިޑް އިފެކްޓުވި މީހުންނަށް ސަރުކާރުން ބަދަލު ދޭން ނިންމައިފި އެވެ.

އެ ގައުމުގެ ތެރަޕެއުޓިކް ގުޑް އެޑްމިނިސްޓްރޭޝަނުން ވަނީ ވެކްސިނުން ސައިޑް އިފެކްޓުވި މީހުން ރެޖިސްޓްރީވުމަށް ހުޅުވާލާފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލި އެ ފުރުސަތުގައި މިހާތަނަށް 79،000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން 10،000 އަށްވުރެ ގިނަ މީހުންވަނީ ފައިސާއިން ބަދަލު ހޯދަން އެދޭނެ ކަމަށް ބުނެފަ އެވެ.

ފައިސާއިން ބަދަލު ހޯދަން އެދޭ ގިނަ މީހުންނަކީ ވެކްސިންގެ ސަބަބުން ފެނުނު ސައިޑް އިފެކްޓެއްގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން އާމްދަނީ ލިބޭނެ މަގުތައް ވަގުތީ ގޮތުން ބަންދުވި މީހުންނެވެ. އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވަނީ ހޮސްޕިޓަލުގެ ހަރަދަށް 5،000 އޮސްޓްރޭލިއާ ޑޮލަރު ދިނުމަށެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވެކްސިން ޖެހުމުގެ ސަބަބުން މަރުވި ނުވަ މީހަކާއި، ފައިޒާ ވެކްސިން ޖެހުމުން ހިތުގެ މައްސަލަތަކެއް ޖެހުނު ކަމަށް ބެލެވޭ 200އަށް ވުރެ ގިނަ މައްސަލައިގެ އިތުރުން އެސްޓްރަޒެނިކާ ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމުގެ މައްސަލަތައް ޖެހުނު 100 އަށްވުރެ ގިނަ މީހުން ހިމެނެ އެވެ.

ސަރުކާރުން ބަދަލު ބޭނުންވާ މީހުން އެކަމަށް ބޭނުން ހެކި ލިޔެކިޔުމުން ހުށަހަޅަން ޖެހެ އެވެ. އެކަމަކު ހެކި ހުށަހަޅަން ޖެހޭ ގޮތުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ތަފާސް ހިސާބު ދައްކާގޮތުން އޮސްޓްރޭލިއާގެ ވެކްސިން ޖެހޭ1 6 އަހަރުން މަތީގެ އާބާދީގެ 93.5 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި ފުރަތަމަ ޑޯޒު 90.7 ޕަސެންޓު މީހުން ފުރިހަމަ ކޮށްފައިވެ އެވެ.

އެ ގައުމުން މިހާރު ދަނީ 12 އަހަރުން ދަށުގެ ކުދިންނަށް ވެކްސިްނ ދޭން ފަށަން ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް