ފްރާންސްގެ ގައުމީ ދިދައިގެ ކުލަޔަށް ބަދަލުތަކެއް ގެނައިން އެނގެނީ މަދުބަޔަކަށެވެ.
ނޫކުލަ އާއި ހުދު އަދި ރަތް ކުލަ ހުންނަ ފްރާންސް ދިދައިގަ ހިމެނޭ ނޫކުލަ ބަދަލު ކުރިތާ މިހާރު ތިން އަހަރުވެއްޖެ އެވެ. މި ބަދަލު ގެނައީ އެ ގައުމުގެ ރައީސް އެމަނުއެކް މެކްރޯންގެ އަމުރުފުޅަކަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރައީސް މެކްރޯން އެގޮތަށް ނިންމެވީ ދުނިޔޭގެ އެއް ވަނަ އަދި ދެވަނަ ބޮޑު ހަނގުރާމައާއި ފްރެންޗް ރިވޮލިއުޝަންގައި ފުރާނަ ގެއްލުނުގެ ފްރާންސްގެ ބަތޮލުންގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ.
މިހާރު އަލި ނޫކުލައިގެ ބަދަލުގައި ފްރާންސް ދިދައިގަ އިންނަނީ ތަންކޮޅެއް އަނދިރި ފާޑުގެ ނޫކުލައެއް ކަމަށްވާ ނޭވީ ބްލޫ އެވެ. ނޭވީ ބްލޫއަކީ 1976 ވަނަ އަހަރުގެ ދިދައިގެ ކުލަ އަލި ނޫކުލައަށް ބަދަލު ކުރުމުގެ ކުރިން ފްރާންސް ދިދައިގަ އިން ކުލަ އެވެ.
ފްރާންސް ދިދައިގެ ކުލަ ބަދަލުވިކަން ހާމަވީ އެ ގައުމުގެ ދެ ނޫސްވެރިޔަކު މި ފަހުން އާންމު ކުރި ފޮތެއްގައި އެ ވާހަކަ ހިމަނާފައި އޮތުމުންނެވެ. އެ ފޮތުގައި ބުނެފައިވާ ގޮތުގައި ދިދައިގެ ކުލައަށް އެ ބަދަލު ގެންނަން ރަމްޒެއްގެ ގޮތުގައި 5،000 ޔޫރޯ ހަރަދުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ފްރާންސް ދިދައިގަ ހިމެނޭ ނޫކުލަ ބަދަލު ކުރަން ރައީސް މެކްރޯންއަށް ހިޔާލު ހުށަހެޅީ ފްރާންސްގެ ރައީސްގެ ރަސްމީ ގެކޮޅުގެ ހެޑް އޮފް އޮޕަރޭޝަން ކަމަށްވެސް އެ ފޮތުގައި ބުނެފައިވެ އެވެ. އެ ފޮތުގައި ވަނީ އެމީހާގެ ވާހަކަތައް ހިމަނާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް