ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި ތިން މީހަކު އަތުލައިގެންފައި ވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ފަތިހު4:20 ހާއިރު މާވެޔޮ މަގުގައި ހުރި ފިހާރައަކަަށް ވަދެ ވައްކަން ކޮށްފައިވާކަން އެވަގުތު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކުރެވިގެން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލާ އެމީހުން ދެނެގަނެ، އެކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ހޯދައި އެމީހުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އެމީހުން އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ސިނގިރޭޓު ކާޓަން ތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގދ. ވާދޫ/ އަތަމާގެ، އިހުސާން އިބްރާހިމް (26އ)، ގދ. ވާދޫ/ލިލީގެ، މުހައްމަދު ސޮބަާހު(46އ) އަދި ރ. އިގުރައިދޫ/ދަނބުރުގަސްދޮށުގެ، އިބްރާހިމް މުހައްމަދު ރަޝީދު (34އ) އެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިހުސާންގެ ބަންދަށް ވަނީ30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ދެން ތިބި ދެމީހުންގެ ބަންދަށް15 ދުވަސް ޖެހުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް