ދުންފަތް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގާނޫނުތައް ތަންފީޒުކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓާ ޕްލޭންއެއް އެކުލަވާލަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ބުނީ ދުންފަތް ކޮންޓްރޯލްކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއި އެކު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓކައި ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަގަނޅު ނަތީޖާއެއް ހާސިލްކުރެވޭ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވައިލަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރައީސް މި ނިންމެވުން ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ ލަފާފުޅާއި އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި މަހު27 ވަނަ ދުވަހު އޮންނަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އެ މާސްޓާޕްލޭން ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށް ފާހަގަކޮށް އިނާމެއް ތައާރަފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަށް މާލީ އެހީތެރިކަން ދިނުން ވެސް އެ މާސްޓާ ޕްލޭންގައި ރައީސް ހިމަނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މި ޕްލޭންގައި ދުންފަތާއި ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުމަށް ވެސް ރައީށް ނިންމަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ބޮޑު ކުރުމަށް ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް