ނިޔާވި ދަރިވަރު، ޝިމާގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ހުޅުމާލޭ ހުރަވީ ސްކޫލުގައި މިއަދު ކުއްލި ގޮތަކަށް ނިޔާވި ދަރިވަރު، ފާތިމަތު ޝިމާ މުހައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. އެގޮތުން ރައީސް އެކްސްގ...

17 Oct 2024 | 09:04

ހުޅުމާލޭ ހުރަވީ ސްކޫލުގައި މިއަދު ކުއްލި ގޮތަކަށް ނިޔާވި ދަރިވަރު، ފާތިމަތު ޝިމާ މުހައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެގޮތުން ރައީސް އެކްސްގައި ވިދާޅުވެފައިވަނީ ޢުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދު، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އަޑު އެހީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުގައި ކަމަށެވެ.

" ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެން" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި، އެ މަޢުޞޫމް ދަރިވަރު ލެހެއްޓެވުން އެދި ކުރާ އިޚްލާޞްތެރި ދުޢާތައް ތަކުރާރުކުރައްވާކަމަށެވެ.

މިއަދު ފުލުހުން ބުނެފައިވަނީ ހުޅުމާލެ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދިވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް