މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކަށް 25 އަހަރުގެ ޖަލު ހުކުމް އިއްވައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. އޮކްޓޫބަރު 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ގދ. ތިނަދޫ ...

17 Oct 2024 | 05:57

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އޮކްޓޫބަރު 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.

މި ހަތަރު މީހުން ޖަލަށްލާން ހުކުމްކުރުމުގެ އިތުރުން ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން، ހަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ޖަނަވަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

މި މައްސަލައާ ގުޅިގެން އެމީހުންނާ ގުޅުންހުރި މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސް ބަލައިފާސްކުރުމުގެ ތެރެއިން، 54 ގްރާމް ޑައިމޯފިން އާއި 266 ގްރާމް ކެނަބިސް ފެނިފައިވާކަމަށާއި އޭގެ އިތުރުން 1,542,675 ރުފިޔާ ފެނިފައިވާއިރު މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 މާރިޗު 10 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް