ރަޝިއާގެ ބިލިއަނަރަކު އިނގިރޭސިވިލާތަށް ޗެލެންޖްކޮށްފި

ރަޝިއާގެ ބިލިއަނަރު މިޚައިލް ފްރީޑްމަން އިނގިރޭސިވިލާތުގެ އޮފީސް އޮފް ފައިނޭންޝަލް ސެންކްޝަންސް އިމްޕްލިމެންޓޭޝަން (އޯއެފްއެސްއައި) އާ ދެކޮޅަށް ގާނޫނީ ޗެލެންޖަކަށް ހިނގައްޖެއެވެ. އޭނާ އިދާރާއާއި ދެކޮޅ...

17 Oct 2023 | 17:15

ރަޝިއާގެ ބިލިއަނަރު މިޚައިލް ފްރީޑްމަން އިނގިރޭސިވިލާތުގެ އޮފީސް އޮފް ފައިނޭންޝަލް ސެންކްޝަންސް އިމްޕްލިމެންޓޭޝަން (އޯއެފްއެސްއައި) އާ ދެކޮޅަށް ގާނޫނީ ޗެލެންޖަކަށް ހިނގައްޖެއެވެ.

އޭނާ އިދާރާއާއި ދެކޮޅަށް ފިޔަވަޅު އަޅަމުން ދަނީ އޭނާގެ އަގުބޮޑު ލަންޑަން މެންޝަން އާއި އާޓް ކަލެކްޝަން ބެލެހެއްޓުމަށް ކޮންމެ މަހަކު އެތައް ހާސް ޕައުންޑެއް ޚަރަދުކުރުމުގެ ފައިސާ ދޫކުރުމަށް އިނގިރޭސި ސަރުކާރުން  ދެކޮޅު ހެދުމުންނެވެ.

ލަންޑަންގެ ހައިކޯޓުގައި ފްރީޑްމަންގެ ވަކީލުން ވަކާލާތު ކުރެއްވީ 65 މިލިއަން ޕައުންޑް (79 މިލިއަން ޑޮލަރު) އަށް އޭނާ ހޯދި އެތްލޯން ހައުސްގެ ހާލަތު ގޯސްވިޔަ ނުދިނުމަށް އިނގިރޭސި ސަރުކާރުން އެއްބާރު ލުން ދޭން ޖެހޭ ކަމަށެވެ.

ފްރީޑްމަން، 59، އޭނާގެ މާލީ ވަސީލަތްތައް ބޭނުންކޮށްގެން މުދާ ބެލެހެއްޓުމާއި، ސެކިއުރިޓީ ނޫން މުވައްޒަފުންގެ ހަރަދު (ޑްރައިވަރަކު ވެސް ހިމެނޭ ގޮތަށް) ހަމަޖެއްސުމާއި، ފޯނު، އައިޓީ، ލައިޓިން، ހީޓިން އަދި ސެކިއުރިޓީ ބެލެހެއްޓުމަށް މުވާސަލާތީ ނިޒާމުތަކަށް ފައިސާ ދޫކުރުމުގެ ހުއްދައަށް އެދެއެވެ. ނަމަވެސް އޯއެފްއެސްއައި އިން ވަނީ އެ ރިކުއެސްޓްތައް ދޮގުކޮށްފަ އެވެ.

އޮފީސް އޮފް ފައިނޭންޝަލް ސެންކްޝަންސް އިމްޕްލިމެންޓޭޝަން (އޯއެފްއެސްއައި) އިން ބުނީ އެތްލޯން ހައުސް ބަލަހައްޓާ ކުންފުންޏަކަށް ފްރީޑްމަންއަށް މަހަކު 30،000 ޕައުންޑް ނުދެއްކޭނެ ކަމަށާއި ސަބަބަކީ އެ ކުންފުނީގެ ހަމައެކަނި ޑިރެކްޓަރު ފްރީޑްމަންގެ އެސިސްޓެންޓް ނިޖީނާ ޒައިރޯވާ އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅިފައިވާތީ ކަމަށެވެ.

ހަމައެފަދައިން މުވާސަލާތީ ނިޒާމުގެ ޚަރަދުތަކަށް މަހަކު 1850 ޕައުންޑަށް ފްރީޑްމަން އެދުމުން އެ އޮފީހުން އެކަމަށް ދެކޮޅު ހަދަމުން ބުނީ މި ޚަރަދުތަކަކީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ފްރީޑްމަން އުޅުނު ފަދަ ދިރިއުޅުމެއް ކުރިއަށް ގެންދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚަރަދުތަކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ފްރީޑްމަންގެ ގާނޫނީ ވަކީލު ރެޗެލް ބާންސް ވަނީ އެޓްލޯން ހައުސްގެ ހާއްސަ ބޭނުންތަކަށް އަލިއަޅުއްވާލައްވައި، ހާއްސަކޮށް އެ ތަނުގެ އާޓް ކަލެކްޝަނާ ގުޅޭ ގޮތުންނާއި، މުވާސަލާތީ، އައިޓީ، ލައިޓިން، ހީޓިން އަދި ސެކިއުރިޓީ ސިސްޓަމްތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އޯއެފްއެސްއައިއިން ބުނީ ޒައިރޯވާއަށް ފައިސާ ދެއްކުމަށް ހުއްދަ ނުދެވޭނެ ކަމަށާއި ސެކިއުރިޓީއާ ގުޅުންހުރި މުވާސަލާތީ ނިޒާމުގެ މިންވަރާ ގުޅޭ ގޮތުން ފްރީޑްމަންގެ ފަރާތުން މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އޯއެފްއެސްއައިގެ ވަކީލް މެލްކޮމް ބާޑްލިންގް ފާހަގަކުރެއްވި ގޮތުގައި ސެކިއުރިޓީ ސްޓާފުންނާއި ސީސީޓީވީ ސިސްޓަމް ބެލެހެއްޓުމަށް މަހަކު 26،000 ޕައުންޑް ހަރަދުކުރުމުގެ ހުއްދަ ފްރީޑްމަންއަށް އެ އެޖެންސީން މިހާރު ވެސް ދީފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީން އަތަލޯން ހައުސް ބަލައި ފާސްކޮށްފައިވާއިރު، މިއީ ފްރީޑްމަން މިހާރު ކޯޓުގައި ޗެލެންޖް ކުރަމުން އަންނަ ވަކި މައްސަލައެކެވެ.

ފޯބްސް މަޖައްލާއިން އޭނާގެ މިލްކިއްޔާތު 12.8 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ މިކާއިލް ފްރީޑްމަން އަކީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން 2022 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އިނގިރޭސިންގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް