ކުރިއަށް އޮތް ސަރުކާރުވާނީ، ދީނާ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް: ޑރ. މުއިއްޒު

ނޮވެމްބަރު 17 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރި...

17 Oct 2023 | 06:22

ނޮވެމްބަރު 17 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ނެރުއްވި ޚިޠާބުގައި ވިދާޅުވީ، މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭނީ ކުރިއަށް އޮތް ސަރުކާރުން ކަމަށެވެ. އަދި އެ ސަރުކާރަކީ ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަށް ވާނެ ކަމަށެވެ.

އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން ނުވަ ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3ތިން އަހަރުކަން ފާހަގަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ.

އަދި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ޘަޤާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.

"ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް. މިއަދުގެ ދުނިޔޭގައި، ފިކުރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި. މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް" ޑރ. މުއިއްޒުގެ ހިޠާބުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް