ރައީސުލްޖުމްހޫރިއްޔާ ކާށިދުއަށް ކުރެއްވެވި ދަތުރުފުޅު ނިންމަވައިލައްވާ މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފި އެވެ. އެމަނިކުފާނު ކާށިދޫއަށް ވަޑައިގެންނެވީ މިއަހަރުގެ ދަނޑުވެރިންގެ ދުވ...

17 Oct 2022 | 09:58

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު ކާށިދޫއަށް ވަޑައިގެންނެވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ދަތުރުފުޅުގައި، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށު ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ވިދާޅުވި އެވެ.

މި ޖަލްސާއަށް ފަހު އެމަނިކުފާނު ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާޞަބާގައި އެރަށުގައި ބޭއްވި ޚާއްޞަ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ ދަނޑުވެރިކަމުގެ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ބައެއް ދަނޑުވެރިންނާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރެއްވި އެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވައި ކާށިދޫގެ ތަރައްޤީގެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި، އެމަނިކުފާނު ވަނީ ކާށިދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ.

މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި ކުރިޔަށްދިޔަ "ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރ، މޯލްޑިވްސް ޗެލެންޖް 2022" ވޮލީބޯލް މުބާރާތުގެ ފައިނަލް މެޗާއި ބައެއް އެހެން މެޗްތައް ބައްލަވާލެއްވި އެވެ. އިންޓަރނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަޤްވާމީ ފެންވަރުގެ 6 ވަނަ މުބާރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް