ޔޯގާ ހަމަ ނުޖެހުމާއި ގުޅިގެން ދައުވާ އުފުލާފައިވަނީ ދީނީ އިލްމުވެރިން ކަމަށްވާ ޝެއިހް ފަޒުލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާނަށް ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތަށް ހުރަސް އެޅި މައްސަލައިގަ އެ ދެބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ކޯޓުގައި ވަނީ ބާއްވާފައި އެވެ.
މިއަދުގެ ޝަރީއަތުގައި ދެ ބޭފުޅުން ވަނީ ކޯޓުން ހަވާލު ކުރި ލިޔުންތައް ލިބިފައިވާ ކަމަށް ވިދާޅުވެފައި އެވެ. އަދި ކުރިޔަށްދާން ބޭނުންވަނީ ވަކީލަކާއި އެކު ކަމަށް ވިދާޅުވި އެވެ.
އެ ފުރުސަތު ދިނުމަށް ފަހު މިއަދުގެ ޝަރީއަތް ނިންމާލީ އެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ހަ މީހެއްގެ މައްޗށް އުފުލާފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ހަ މީހަކަށް އުފުލާފައިވެ އެވެ.
މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް 15 މީހަކަށް ކުރާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެެއް އެކަކުގެ މައްޗަށް ކުރެ އެވެ.
ދެން ދައުވާ އުފުލާފައިވަނީ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ތިން މީހެއްގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް